ޚަބަރު

ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި


ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޕޮލިސީ ރެގިއުލޭޝަންސް އެންޑް ސާރވިސަސް އާއި ބޭހޭ ވާރކިންގ ގްރޫޕްގެ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ބައްދަލުވުން ކުރިއަށްދަނީ މާލެ އަތޮޅު މާފުށިގައި ހުންނަ "ކާނި" ހޮޓެލްގައެވެ. މި ބައްދަލުވުން ފައްޓަވައި ދެއްވީ، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙުމަދެވެ.

މި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްޞާ ކުރައްވަމުން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޒުލައިޚާ އިބްރާހިމް ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ޓެކްނޮލޮޖީގެ އާ ހޯދުންތަކާއި ގުޅޭ ގޮތުންނާއި އެފަދަ ޚިދުމަތްތައް ބޭނުން ކުރެވޭނެ ގޮތްތަކާއި އެފަދަ ކަންކަން ދިރާސާކޮށް ޤައުމުތަކުގެ މެދުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމާ ކުރިއަށް ދެވޭނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ބައްދަލުވުމަކީ އާ ޓެކްނޮލޮޖީ ނުވަތަ އާ ހޯދުންތަކާއި ބެހޭ ގޮތުން އަދި އެ ޚިދުމަތް ބޭނުން ކުރެވޭނެ ގޮތްތަކާއި ބޭހޭ ގޮތުން އެކި ދާއިރާތަކަށް ދިރާސާކޮށް. އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް. ޤައުމުތަކުގެ މެދުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމާ. ކުރިއަށް ދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް." ޒުލައިޚާ ވިދާޅުވިއެވެ.

ޒުލައިޚާ ވިދާޅުވީ އައިސީޓީގެ އާ ޓެކްނޮލޮޖީ ތަޢާރަފްވެގެން އަންނައިރު، މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގައި ބްރޯޑް ބޭންޑް ރޯލް އައުޓް ކުރެވިފައި ވީނަމަވެސް، އެހެން ޤައުމުތަކުގެ ކަނެކްޓިވިޓީގައި މައްސަލަތައް އުޅޭ ކަމަށާއި އެހެން ކަމުން އެހެން ހުންނަ މައްސަލަތައް ދިރާސާކޮށް އެއްޤައުމު އަނެއް ޤައުމާ ދެމެދު މަޢުލޫމާތު ޙިއްްޞާކޮށް އެހީތެރިވުމާއި އެކަންކަމާއި ގުޅޭ އުސޫލު ތަކާއި ޤަވާއިދުތައް ހެދުމުގައި ކުރިއަށް ދެވޭނެ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

"މުޅި ޤައުމުގައި އޮތީ ބްރޯޑް ބޭންޑް ރޯލް އައުޓް ކުރެވިފައި. މޯބައިލް ބްރޯޑް ބްރޭންޑް 4 ޖީގެ ގޮތުން. އެގޮތުން ދެން ކުރިއަށް ހުރި އައު ޓެކްނޮލޮޖީތައް. ރާއްޖޭގައި 5 ޖީ ތަޢާރަފްކުރުމުގައި ދިމާވެދާނެ މައްސަލަތަކާއި ރާއްޖޭގެ ފަރާތުން ވާހަކަ ދެކެވިގެންދާނެ." ޒުލައިޚާ ވިދާޅުވިއެވެ.

ސައުތު އޭޝިއާ ސަރަޙައްދުގެ 8 ޤައުމަކުން 16 މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވާއިރު، އޭގެ ތެރޭގައި ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕާޓުންވެސް ހިމެނެއެވެ. ރާއްޖޭގެ އިތުރުން، މި ބައްދަލުވުމުގައި އަފްޢާނިސްތާން، އީރާން، ބަނގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން، އަދި ސްރީލަންކާއިން ބައިވެރިވެއެވެ.