ކުޅިވަރު

އެފްއޭއެމްގެ ނައިބު ރައީސްގެ ކެޕްޓަންކަމުގެ ދަށުން ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދައިފި


4 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެންބައިގެ ޗެންޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފިއެވެ.

ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލްގައި އޮރިކްސްއާ ވާދަކޮށް އެއް ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ނިއުރޭޑިއަންޓް މެޗު ކާމިޔާބުކުރީ 22 ގޯލް 21 ގޯލުންނެވެ. މުޅި މެޗުގައި ލީޑްގައި އޮވެ ކުޅެފައިވަނީވެސް ޗެންޕިއަން ނިއުރޭޑިއަންޓުންނެވެ. މިމުބާރާތުގެ ލީގު ބުރުގައި މިދެ ޓީމް ވާދަކުރި މެޗް 15 ގޯލްގެ ތަފާތުން މެޗު ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓެވެ.

ފައިނަލް މެޗަށްފަހު ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކެޕްޓަން އައިޝަތު ނާޒިމާ ބުނީ ލީގު ބުރުގައި ކުޅުނު މެޗުން އޮރިކްސް ބަލިކުރެވިފައި އޮތުމުން، ފައިނަލް މެޗާ ކުރިމަތިލީ ޔަޤީންކަން އޮވެގެންކަމަށެވެ. ނަމަވެސް މެޗު އުނދަގޫވާނެކަން މެޗުގެ ކުރިންވެސް އިނގޭ ކަމަށާއި، މެޗުން މޮޅުވުމުގައި ކުޅުންތެރިންގެ ތަޖުރިބާ ވަރަށް މުޙިއްމު ދައުރެއް އަދާކުރިކަމަށް ކެޕްޓަން ނާޒިމާ ބުންޏެވެ.

"ކުރިން މެޗުގައި ވާރޭ ވެހުމުން، ދެ ޓީމަށްވެސް ވަރަށް ގިނަ އުނދަގޫތަކެއްވި. މެޗުން މޮޅުވުމުގައި ކުޅުންތެރިންގެ ތަޖުރިބާ މުޙިއްމު ދައުރެއް އަދާކުރި. އޮރިކްސްއަށް ވުރެ ބޮޑަށް ހޭންޑް ބޯލްއަށް ހާއްސަ ކުޅުންތެރިން ނިއުގައި ތިބުމުން އެކަން ވަރަށް ބޮޑު އެޑްވާންޓޭޖަކަށްވި. މެޗު ފެށިގެން ލީޑްގައި އޮވެގެން ކުޅުމަކީވެސް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް" މެޗަށްފަހު އެފްއޭއެމްގެ ނައިބުރައީސް ބުންޏެވެ.

އޮރިކްސްގެ ކެޕްޓަން ޒުލެއިހާ އިބްރާހިމް ބުނީ މެޗަށް ނިކުތީ އުއްމީދާއެކުކަމަށާއި، ނަމަވެސް ހެދުނު ބައެއް މިސްޓޭކްތަކުގެ ސަބަބުން މެޗް ގެއްލުނީކަމަށެވެ. އަދި އެންމެ ފަހު ވަގުތު އެއް ވަރު ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން މެޗު ގެއްލުނީކަމަށް ޒުލެއިހާ ބުންޏެވެ

"ކުދި ކުދި މިސްޓޭކްތައް މާގިނަވީ ރޭގަ. މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާ ވުމުން، އުނދަގޫވި. މެޗު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ މާބޮޑު ލީޑެއް ނިއުއިން ނެގުން. އެލީޑް ކުޑަކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނީ. އަދި އެންމެ ފަހު ވަގުތު އެއްވަރުކޮށްލަން ލިބުނު ފުރުސަތުވެސް ގެއްލުނީ." ޒުލެއިހާ ބުންޏެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ނިއުގެ ފާތިމަތު ރިޝްމާއެވެ. އަންހެންބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެންޕިއަން ނިއުރޭޑިއަންޓްގެ އައިޝަތު ރީމާ، ފާތިމަތު ޝިފާ، ފާތިމަތު ރިޝްމާ، އޮރިކްސްގެ ނަޝްފާ އާމިރާ، ޒުލެއިހާ އިބްރާހީމް އާމިނަތު އިސްރާޢު އަބްދުލް ޝުކުރޫ އަދި ޔޫތް ސްޕޯޓްސް ކުލަބްގެ ނާހިދާ އަހުމަދެވެ.
އަންހެންބައިގައި ފަސް ޓީމް ވާދަކުރިއެވެ.