ޚަބަރު

ހެޔޮލަފާ ކާމިޔާބު މީހަކަށްވުމަށް ނުފޫޒުން އެއްކިބާވާންޖެހޭ - ޝައިޚް ޓިމް


ހެޔޮލަފާ ކާމިޔާބު މީހަކަށްވުމަށްޓަކާ ނުފޫޒުން އެއްކިބާވެ، ތިމާއަކީ ކާކުކަން އަމިއްލައަށް ދެނެގަތުން މުހިއްމުކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ޓިމް ހަމްބަލް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުން "ދަ ކޯލް"ގެ ނަމުގައި ބާއްވާ ސިލްސިލާ ދަރުސްގެ ތެރެއިން މިރޭ ބޭއްވި ދަރުހުގައި ދަ ޕީ-ފެކްޓަރ މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން ޝައިޚް މުޙައްމަދު ޓިމް ހަމްބަލް ވަނީ ޕިއަރ ޕްރެޝަރ ނުވަތަ އެކުގައި އުޅޭ މީހުންގެ ފުށުން މީހާއަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ދީންވެރި މީހުން އިޚްތިޔާރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޝައިޚް ވިދާޅުވީ، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެނޫންވެސް ގޮތްގޮތުން މީހުން އުޅޭގޮތް ހޯދައި އެފަދަ މީހުން ފޮލޯ ކުރުމުގެ ބަދަލުގައި ތިމާއަކީ ކާކުކަން އަމިއްލައަށް ދެނެގަނެ ތިމާ އެހެން މީހުންނަށް ނަމޫނާއަކަށްވާން ޖެހޭކަމަށެވެ. އެކަން ކުރެވޭނީ ނުފޫޒުން އެއްކިބާވެ އަމިއްލަ ސިކުނޑިން ތިމާއަކީ ކާކުކަން ރަނގަޅަށް ދެނެގަނެވިގެންކަން އޭނާ ފަހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމްގެ ހަދީޘްފުޅުތަކުން ދަލީލުދައްކަވަމުން ޝައިޚް މުޙައްމަދު ޓިމް ވިދާޅުވީ، ޝަޚްވާނިއްޔަތަށް ތަބާވުގެ ބަދަލުގައި މާތްވެގެންވާ އިސްލާމް ދީނުގައިވާ ރިވެތި ކަންކަން ބަލައިގަނެ އެގޮތަށް އަމަލުކުރުމަކީ އެންމެ ކާމިޔާބު، އަދި އެންމެ އެދެވިގެންވާ ގޮތްކަމަށެވެ. ޝައިޚް މުޙައްމަދު ޓިމް ވިދާޅުވީ ކީރިތި ރަސޫލާގެ މާތް ސަހާބީން ދުނިޔެ ބަދަލު ކޮށްލިކަން ތާރީޚު ހެކިދޭކަމަށާއި، ސަހާބީން ނަމޫނާއަކަށް ބެއްލެވީ ކީރިތި ރަސޫލާކަމަށެވެ.

އުމުރުން 14 އަހަރުގައި އިސްލާމް ދީން ޤަބޫލުކުރި ޝައިޚް މުޙައްމަދު ޓިމް ވަނީ އޭނާގެ އެކުވެރިންގެ ފަރާތުން ކުރިމަތިވި ނުފޫޒުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި މީހުންގެ މަޤުބޫލުކަމާއި ރުހުން ލިބުނުގޮތުގެ ވާހަކަ ހިއްސާކުރައްވާފައެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ މިފަހަރުގެ "ދަ ކޯ" ދަރުހާއި ގުޅުވައިގެން އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ރުޤްޔާ ވޯރކްޝޮޕަކާއި ދަރިވަރުންނަށް ޚާއްޞަ ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހިޖުރަ ކޭމްޕުގެ ނަމުގައި އދ. މަހިބަދޫގައިވެސް ޚާއްޞަ ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ޖަމްޢިއްޔަތުއްސަލަފުން "ދަ ކޯލް"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތަކުގައި ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި ދާޢީން ރާއްޖެ ވަޑައިގެން ތަފާތު މަޢުޟޫއުތަކަށް ވާހަކަ ދައްކަވާފައިވެއެވެ.