ކުޅިވަރު

ފުރުމުގެ ކުރިންވެސް ކޯޗުގެ އިލްތިމާސް " އިތުބާރުކުރޭ! "


މިހާރު ޤައުމީ ފުޓްބޯޅަ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރުމަށް ޤައުމީ ޓީމްގެ ކޯޗް ޕިޓަރ ސެގާޓް އަނެއްކާވެސް ގޮވާލައިފިއެވެ.

އަންނަ މަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް މިއަދު ހެނދުނު ޤައުމީ ޓީމް ވަނީ ޤަޠަރުގައި ކޭމްޕް ކުރަން ފުރާފައެވެ. ޤަޠަރަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޤައުމީ ކޯޗު ޕިޓަރ ސެގާޓް ބުނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕާ ކުރިމަތިލާ ޓީމަކީ ވަރަށް އާ ޓީމެއްކަމަށާއި، މިޓީމް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށްކަމަށެވެ. އެފްއޭއެމްއިން ޓީމެއް ބިނާ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށާއި، ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމް ކޭންޕްގެ ކަންތައްތައް ޤަތަރުން ހަމަޖައްސައި ދިނުމުން ކޯޗު ވަނީ އެދެ ފަރާތައްވެސް ޝުކުރުއަދާކޮށްފައެވެ. ކޯޗު ސެގާރޓް ބުނީ މިހާރު ޓީމް އޮތީ އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި، ޤަޠަރު ކޭމްޕް ނިންމާލުމަށްފަހު މުބާރާތަށް ދާއިރު ޓީމް ވަރަށް ފިޓްވާނެކަމަށް ޤަބޫލް ކުރާކަމަށެވެ.

"މިއީ ވަރަށް ޒުވާން ޓީމެއް. މިކުޅުންތެރިންނަށް އެބަޖެހޭ އިތުބާރުކުރަން. އަދި މިކުޅުންތެރިންނަށް އެބަޖެހޭ ފުރުސަތުވެސް ދޭން. ޤަޠަތު ކޭންޕުން މިކުޅުންތެރިންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވާނެ. މިކުޅުންތެރިން ކޭންޕަށްފަހު ވަރަށް ފިޓްވާނެކަމަށް މިބަލަނީ. އަހަރެމެން އެންމެންގެވެސް އުއްމީދަކީ ސާފް ޗެންޕިއަންޝިޕް" ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ނުދީ ވާހަކަދައްކަމުން ކޯޗު ބުންޏެވެ.

ޤަތަރު ކޭމްޕްގައި ޤައުމީ ޓީމް 28 ދުވަސް ހޭދަކުރާނެއެވެ. އަދި އަންނަ މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ޤައުމީ ޓީމް ބަނގްލަދޭޝްއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.