ކުޅިވަރު

3 އޮން 3 ބާސްކެޓް މުބާރާތުން ރާއްޖޭގެ އަންހެން ޓީމް ލޯ މެޑަލް ހޯދައިފި


ފީބާ ސާބާ ކުއެސްޓް ސްޓޮޕް 3 އޮން 3 ބާސްކެޓް ބޯޅަ މުބާރާތުގެ އަންހެންބައިން ލޯ މެޑަލް ރާއްޖެ ހޯދައިފިއެވެ.

ސާކް ސަރަހައްދުގެ ޓީމްތައް ވާދަކުރި މިމުބާރާތުގެ ލޯ މެޑަލް ހޯދި އަންހެން ޓީމް ވަނީ ގުރޫޕް ސްޓޭޖްގައި އިންޑިޔާ 21 ޕޮއިންޓް 17 ޕޮއިންޓް އަދި ސްރީލަންކާ 19 ޕޮއިންޓް 12 ޕޮއިންޓުން ބަލިކޮށްފައެވެ. މިމުބާރާތުގައި ލަންކާގެ ދެ ޓީމް ވާދަކުރިއެވެ. އޭގެ ތެރެއިން ރާއްޖޭގެ ޓީމް މޮޅުވީ އެއް ޓީމް އަތުންނެވެ. އަދި އަނެއް ޓީމް އަތުން ގުރޫޕް ސްޓޭޖްގައި ވަނީ ބަލިވެފައެވެ. ރާއްޖޭގެ އަންހެން ޓީމް ވަނީ ސެމީފައިނަލްގައި ލަންކާގެ ޓީމާ ވާދަކޮށް މޮޅަށް ކުޅެފައެވެ. ނަމަވެސް އެއް ޕޮއިންޓްގެ ތަފާތުން ބަލިވެ، ރާއްޖޭގެ ޓީމަށްވަނީ ފައިނަލްގެ ޖާގަ ގެއްލިފައެވެ. ސެމީ ފައިނަލުން ރާއްޖޭގެ ޓީމް ބަލިވީ 14 ޕޮއިންޓް 15 ޕޮއިންޓުންނެވެ.

މިމުބާރާތުގައި ވާދަކުރި އަންހެން ޓީމްގައި ހިމެނެނީ އައިޝަތު ނާޒިމާ، އައިޝަތު ރިޝްމާ، ޝިޒްނާ ރަޝީދު އަދި އާމިނަތު ޝިޢުރާއެވެ.
އަންހެން ޓީމްގެ އިތުރުން މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމެއްވެސް ވަނީ ވާދަކޮށްފައެވެ. ފިރިހެން ޓީމް ވަނީ އެޓީމް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. ފިރިހެން ޓީމް ބަލިވީ ބަނގްލަދޭޝް އަދި ލަންކާގެ ދެ ޓީމް އަތުންނެވެ. މިމުބާރާތުގެ އަންހެންބައިގައި އަށް ޓީމް ވާދަކުރިއެވެ. ފިރިހެންބައިގައި ބާރަ ޓީމް ވާދަކުރިއެވެ.

3 އޮން 3 މިމުބާރާތުގައި ބައެއް ޤައުމު ތަކުން އެއް ޓީމަށް ވުރެ ގިނަ ޓީމް ވާދަކޮށްފައިވަނީ ފީބާ ރޭންކިންގއަށް ބަލައިގެން އެޤައުމުތަކަށް ގިނަ ފުރުޞަތު ލިބުމުންނެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިގައިވެސް ރާއްޖެއަށް ދެ ޓީމް ބައިވެރި ކުރުމުގެ ފުރުސަތު ލިބުނެވެ.