ޚަބަރު

"ޕީޕީއެމަށް ފޯމު ހުށަހެޅި އެންމެންވެސް ރީރަޖިސްޓްރީ ކުރެވޭނެ"


ރައީސް ޔާމީން ކެމްޕެއިން އޮފީހަށް ހުށައަޅާ ހުރިހާފޯމެއްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށާއި ފޯމު ލިބިފައިހުރި އެންމެންވެސް ރީރަޖިސްޓްރީ ކުރެވޭނެކަމަށް ޕީ.ޕީ.އެމުން ބުނެފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ ޕީ.ޕީ.އެމުން ކުރިއަށްގެންދާ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ޙިއްސާ ކުރުމަށް އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީ.ޕީ.އެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކު ރީ-ރަޖިސްޓރްީކޮށް ވޯޓު ލާން ނިކުތުމަކީ ރައީސް ޔާމީންއާއި ޕީ.ޕީ.އެމްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. މިކަމަށް އެހީތެރިވުމުގެ ގޮތުން ޕީ.ޕީ.އެމް އޮފީހާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކުރި މަސައްކަތުން ގިނަ ޢަދަދެއްގެ ފޯމް ލިބިފައިވާކަމަށާއި، އެފޯމްތަކަކީ ވީހާވެސް ސައްޙަ އަދި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ ފޯމްތަކަށް ހެދުމަށް ވެރިފައިކުރަމުންދާ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަހަރު އެންމެ ގިނަ މީހުން ރީރަޖިސްޓްރީ ކުރާނީ ޕީ.ޕީއެމްގެ ފަރާތުންކަމަށާއި، ފޯމު ހުށައެޅުމުގެ މުއްދަތު ހަމާވާދުވަހު އަދަދު އިޢުލާނުކުރާނެކަމަށެވެ.

"
"އަޅުގަނޑުމެން މިދަންނަވަނީ އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވާށޭ. ހަމަޗެކްކުރަމުން ދިޔަ ވަރަކަށް އަލުގަނޑުމެން މިދަނީ ފޯމްތަށް އިލެކްޝަނަށް ހުށައަޅަމުންނޭ، އިރާދަކުރެއްްވިއްޔާ މުއްދަތު ހަމަވާއިރު، އަލުގަނޑުމެން ފުރި ހުރިހާ ފޯމެއް ހުންނާއި އީ.ސީ އަށް ވަދެފަ. ހުރިހާ ބޭފުޅުންވެސް ރަޖިސްޓްރީވެވޭނެ. އެކަމާއި އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއްނެތް."
ޢަބްދުއްރަޙީމް ޢަބްދުﷲ - ޕީޕީއެމްގެ ނާއިބުރައީސް

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ވާހަކަދައްކަވަމުން އަދްލީ އިސްމާއީލް ވިދާޅުވީ، ކެމްޕެއިން ޓީމުގެ އަމާޒަކީ ލިބޭ ހުރިޙާ ފޯމަކީވެސް ސައްޙަ ފޯމްތަކަކަށް ހެދުންކަމަށެވެ. ފޯމްތަކުގައި ހުރި ހުރިހާ މައުލޫމާތު ބަލައި ފިންގަރޕްރިންޓް ޖަހާފައި ހުރީ ރަނގަޅަށްތޯ ކެމްޕެއިން ޓީމުން ބަލައި ފޯމްތަށް ވެރިފައި ކުރެވޭ ވަރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާކަމަށް އަދްލީ ވިދާޅުވިއެވެ.

"
"އެއްވެސް ފަރާތަކުން ފޯމް ފުރަން ބޭނުންވާ ނަމަ އަޅުގަނޑުމެންގެ ހޮޓްލަން ނަންބަރު 7252510 ގުޅުއްވާ އޭރުން އެހުރިތަނަކަށް ގޮސް އަޅުގަނޑުމެން ފޯމް ފުރައިދޭނަން، އެއީ އަތޮޅު ތެރޭގައި ރަށެއްކަމަށްވިޔަސް، މާލެ ކަމުގައިވީނަމަވެސް އަދި ރާއްޖެއިން ބޭރުން ކަމަށްވިޔަސް ހަމަ މެސެޖެއް ކޮށްލެއްވީމަ އެދިމާލަކުން އެޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ"
އަދްލީ އިސްމާއީލް

ރީރަޖިސްޓްރޭޝަން ފޯމްތައް ލަސްވާކަމަށްބުނެ ރައީސް ޔާމީން ކެމްޕެއިން އޮފީހަށް މާބޮޑު ޝާކުވާތަކެއް ލިބެމުން ނުދާކަމަށާއި، މިކަމުގައި ކަންބޮޑުވާ ވާހަކަ ދައްކަނީ މީޑިއާތަކުން ކަމަށް ޕީ.ޕީއެމުން ބުނެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ފަރތްތަކުން ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުންވެސް ދަނީ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރަމުންނެވެ.