ޚަބަރު

ނުވަދިހަ ފަސް ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރ ކުރަން ފޯމް ހުށަހެޅި- އިލެކްޝަންސް ކޮމިޝަން


ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތުގައި 95،000 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އަޙްމަދު ޝަރީފު ވިދާޅުވީ، ރޭ 12:00 އާ ހަމައަށް އެކޮމިޝަނަށް 95،000 ފޯމް ލިބިފައިވާކަމަށާއި، ނަމަވެސް އަތޮޅުތަކުގެ ފޯކަލްޕޮއިންޓްތަކުން ނުލިބި ހުރި ފޯމްތަކާއެކު މިއަދަދު ކޮންމެވެސް ވަރަކަށް އިތުރުވެގެންދާނެކަމަށެވެ. ޝަރީފް ވިދާޅުވީ އެ ކޮމިޝަނަށް ލިބިފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް ފަސްދޮޅަސް އެއްހާސް އަށްސަތޭކައަށްވުރެ ގިނަ މީހުންގެ ފޯމް އެންޓަރކުރެވި ރީރަޖިސްޓަރވިކަމުގެ މެސެޖް އެފަރާތްތަކަށް ފޮނުވާފައިވާކަމަށެވެ.

ރީރަޖިސްޓްރީ ވާ މީހުންގެ ސީދާ އަދަދު އެނގޭނީ ހުރިހާ ފޯމްތައް ޕޮރޮސެސްކޮށް ނިމުމުންކަމަށާއި، ކުރިއަށް އޮތް ދެދުވަހުގެތެރޭގައި ސީދާ އަދަދު އިޢުލާންކުރައްވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ފޯމްތައް ހުށައަޅާފައިވާ މިންވަރަށް ބާލާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދަށްވުރެ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރީރަޖިސްޓަރ ކުރި މީހުންގެ އަދަދު %30 އިތުރުވެފައިވާކަމަށެވެ. މިއަދަދު އިތުރުވެގެންދިޔައީ އިލެކްޝަންސް ކޮމިޝަނުގެ އިލްތިމާސާއި އެއްގޮތަށް ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި، ކޮލެޖް، ޔުނިވަރސިޓީފަދަ ތަންތަނުން މިކަމުގައި އެހީތެރިވެދިނުމުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރީ ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާ ފޯމްތައް ރީ ރަޖިސްޓްރޭޝަން ލިސްޓުގައި ހިމަނަނީ ފިންގަރޕްރިންޓާއި، އެނޫންވެސް ފުރިހަމަ ކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ހަމައަށް ރަނގަޅަށް ހުރިތޯ ކަށަވަރުކުރުމަށްފަހުކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވިއެވެ. އަދި އެއްވެސް ފޯމެއްގައި ސައްޙަ ނޫން މަޢުލޫމާތެއް ނުވަތަ، ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ރީރަޖިސްޓަރކުރަން އުޅެފިނަމަ އެމައްސަލަ ކޯޓަށްވެސް ހުށައަޅާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ތައްޔާރީތަކުގެ %85 މަސައްކަތް މިހާރު ނިމިފައިވާއިރު، އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް 7000 މީހުން ފޯމު ހުށައަޅާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.