ކުޅިވަރު

އަކްރަމްއާއި އަސަދުﷲ ފިޓްވެއްޖެ


މުޅިން ފިޓް ނުވަނީސް ޤައުމީ ޓީމާއެކު ދިޔަ ތިން ކުޅުންތެރިން ފިޓްވެ، ބަދަލު ކީޕަރު ތޮލާލަށް އަނިޔާވެއްޖެއެވެ.

އަނިޔާއަށްފަހު މިސީޒަންގެ މާލޭ ލީގުގެ ތެރެއިން އެނބުރި އައި ފޯވާޑް އަސަދުﷲ އަބްދުﷲއާއި ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އަދި މުހައްމަދު މުޖްތާޒްވެސް އަނިޔާއިން މުޅިން ރަނގަޅުވެ، ޕްރެކްޓިސްގައި %100 ދެމުން އަންނަކަމަށް ޤައުމީ ޓީމްގެ ފިޒީޝަން އަބްދުﷲ ރިފާޢު ބުންޏެވެ. ތިން ކުޅުންތެރިން ޓީމާއެކު ގެންދިޔައީ މުޅިން ފިޓް ނުވި ނަމަވެސް ފިޓްވާނެކަމުގެ ޔަޤީންކަން އޮތުމުންނާއި، ކުޅުންތެރިންގެ މުޙިއްމުކަން ބޮޑުވުމުންނެވެ.

އަސަދުﷲގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާވަނީ ކަކުލުގެ އޮޕަރޭޝަންއެއްވެސް ކޮށްފައެވެ. އަސަދުﷲ ކުޅުމުގެ ތެރެއަށް އައިސްފައިވަނީ 9 މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. އަކްރަމްގެ ކަކުލުގެ މެނިސްކަސްއަށް އަނިޔާވީ މިދިޔަ މަހުގެ ތެރޭގައި ނިއު ރޭޑިއަންޓަށް ކުޅެމުން ދަނިކޮށެވެ. މުޖުތާޒް މުހައްމަދުގެ ކަކުލަށް އަނިޔާވީ މާޒިޔާއަށް ކުޅެމުންދަނިކޮށެވެ.

އަންނަ މަހު ބަނގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ޤަޠަރުގައި ތަމްރީނު ހޯދަމުންދާ ޓީމްގެ ކީޕަރު ހަސަން ތޮލާލަށް އަނިޔާވީ ޤަޠަރުގައި ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރޭގައެވެ. ޤައުމީ ޓީމްގެ ފިޒީޝަން އަބްދުﷲ ރިފާޢު ބުނީ ފަރިތަކުރަމުންދަނިކޮށް ތޮލާލްގެ އުކުޅުވަޅަށް ތަދެއް އެރީކަމަށާއި، އެއީ މާބޮޑު އަނިޔާއެއް ނޫންކަމަށެވެ. ޔުނައިޑަޓް ވިކްޓްރީގެ ކީޕަރު ތޮލާލް މިހާރު ފަރިތަކުރަމުންދަނީ ޓީމާ ވަކިންނެވެ. ރާފިއު ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތޮލާލަށް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެކަމަށެވެ. އަދި މިހާރުވެސް ހާއްސަ ތަމްރީންތަކެއް ތޮލާލްއަށް ދެމުންދާކަމަށެވެ.

"އަސްލުގައި މިހާރުވެސް އެއްކޮށްފިޓް، ހުރިހާ ފަރިތަކުންތަކުގައިވެސް ބައިވެރިވެވޭނެ. މިތިން ކުޅުންތެރިންވެސް މިހާރު ފިޓްކޮށް ތިބީ، ނަމަވެސް އެއްފަހަރާ ކުޅުންތެރިންނަށް ކަންކަން ނުޖައްސާ، މަޑުމަޑުން ބައެއް ކަހަލަ ކަސްރަތުތައް އެކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް މިގެންދަނީ." ފިޒީޝަން ރިފާއު ބުންޏެވެ.