އެންމެ ގާތުން ކެންޕެއިން ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ބ. އަތޮޅަށް ވަޑައިގެންފިއެވެ.
މެޑަމް ފާތިމަތު އިބްރާހިމް އެންމެ ފުރަތަމަ ވަޑައިގަތި ބ. އަތޮޅު ދަރަވަންދޫ އަށެވެ. ދަރަވަންދޫއަށް ވަޑައިގަތުމުން ދަރަވަންދޫ އެއާރޕޯޓުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގާ އެކަމަނާ އަރިހުގާ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ ބައެއް އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ.
އެކަމަނާގެ މިދަތުރުފުޅުގައި ފުރަތަމަ ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ އިސް ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންން މީހުންނާއި، ޒުވާނުންނާ ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެށްވުމުގައި ޒުވާނުންނާއި އިސްރަށްވެހިން އަދި ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންބޮޑުވުންތައް އެކަމަނާ ވަނީ އަޑު އައްސަވާފައެވެ. އަދި ދިމާވާ ދަތިތައް ހައްލުކުރުމަށް ކޮށްދެވެން ހުރި ކަންތައްތަކާ ބެހޭގޮތުން އެކަމަނާ ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހިރައްޔިތުން ތަރައްޤީ އެދޭނަމަ ރައީސް ޔާމީނަށް ވޯޓެއް ދެއްވުމަށް ގޮވާލެއްވިއެވެ. ރާއްޖޭގެ ތަރަށްޤީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާއިރު، އަތޮޅު ތެރެއަށް އިޤްތިޞާދީ ތަރައްޤީ ގެއުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މެޑަމް ފާތިމަތު އިބްރާހިމް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ބ. ދޮންފަނަށާއި، ބ.ކިހާދޫއައް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މެޑަމް ފާތުން ބ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމާލުމަށްފަހު އެންބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.