ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަބަލުން ފާތިމަތު އިބްރާހީމް ބ. ކުޑަރިކިލަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ކުޑަރިކިލަށް ވަޑައިގަތުން އެކަމަނާއަށް ވަނީ ހޫނު ބަރުޙަބާއެއް ކިޔާފައެވެ. އެކަމަނާވަނީ އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އިސް ރަށްވެހިންނާއި، ޒުވާނުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
ރައީސްގެ އަނބިކަނބަލުން ކުޑަރިކިލު ރައްޔިތުންނާ ބައްދަލުވުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ރައީސެއްގެ އަނބިކަނބަލުން ކުޑަރިކިލަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރުކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މިދަތުރުފުޅު ކުޑަރިކިލުގެ ތާރީޚްގެ ތެރޭގައި ލިޔެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތިބޭފުޅުން ވިދާޅުވެއްޖެ މީގެކުރިން މިރަށުގެ ތާރީޚް އޮތް ގޮތް. ތިބޭފުޅުން ވިދާޅުވެއްޖެ މިރަށުގައި ސަރުކާރަށް ލޯބިކުރާ މީހުން އިތުރުވަމުން އައިގޮތް. މިރަށަށް އައި ފުރަތަމަ ފަސްޓްލޭޑީއަކަށް މެޑަމް ފާތުން ވުމަކީ އެކަމަނާގެ ކުށެއް ނޫން" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ކުޑަރިކިލު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެރަށުގެ ބަނދަރުގެ ދަތިކަމެވެ. އެގޮތުން މިހާރުވެސް އެރަށަށް ލަފާ ފުރުމުގެ ދަތިކަން ބޮޑުވެފައިވާއިރު މިނިސްޓަރު ސަޢީދު ވަނީ އަންނަ އަހަރު އެރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދުމަށްޓަައި އޯޕެކް ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ހަވީރު ބ. އަތޮޅު ކަމަދޫއަށާއި، ކެންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އިއްޔެ އެކަމަނާ ވަނީ ބ. ދަރަވަންދޫ، ދޮންފަނު އަދި ކިހާދޫއަށް ވަޑައިގެންފައެވެ.