ޚަބަރު

ނ. ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފި


ނ. ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމް.ޑީ.އެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު ދޭއް ޖެހިއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޭ 22:30 ހާއިރު ޅޮޖިން ފުރި މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ކަމަށެވެ. އަދި އޭނާއާ އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ގައި ކަމަށް އެމް.އެން.ޑީއެފުން ބުނެއެވެ. އަދި އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮހީއާ ދެމެދުގައި ކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުން ދަނީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށްވެސް އެމް.އެން.ޑީއެފުން ބުނެއެވެ.
މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި މައުލޫމާތުދެއްވުމަށް އެމް.އެން.ޑީއެފުން އިލްތިމާސްކުރެއެވެ.