ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފުޅަދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ އިޙުސާސްތައް އެކަމަނާއާ ޙިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފުޅަދުއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ އެރަށުގެ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއެވެ. އެއަށްފަހު އެކަމަނާ ދެން ބައްދަލުކުރެއްވީ އެރަށުގެ އިސްރަށްވެހިންނާއި ޒުވާނުން އަދި ކަނބަލުންނާއެވެ.
ތިން ސަތޭކައެއްހާ ކުޑަ އާބާދީއެއް ދިރިއުޅެމުން އަންނަ ފުޅަދޫގެ ރައްޔިތުން ވަނީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުވެ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް އަސަރާއެކު އެކަމަނާއާ ޙިއްސާ ކުރައްވާފައެވެ. އެގޮތުން އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކުރީ އެރަށުގެ ލަފާފުރުމުގެ ދަތިކަމެވެ. ހަމައެއާއެކު ރައްޔިތުންވަނީ އެރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި ކަރަންޓުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯދައިދިނުމަށް ރައީސްގެ އަނބިކަނބަލުން އަރިހުގައި ދަންނަވާފައެވެ.
މިކަންކަމަށް ޖަވާބުދެއްވަމުން ރައީސްގެ އަނބިކަނބަލުންގެ މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ފުޅަދުއަށް ރައީސްގެ އަނބިކަނބަލުންނާއެކު ކުރެއްވި ދަތުރުފުޅުގައި އެރަށަށް ލަފާ ފުރުމުގެ ދަތިކަން އޮތްވަރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަށް ޙައްލު ހޯދައި ދިނުމަށްޓަކައި އެކަމާ ގުޅުންހުރި ވުޒާރާތަކާ މަޝްވަރާ ކުރެވި އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ފުޅަދުއަށް ލަފާފުރުމުގައި މިހާރު ބޭނުންކުރަމުންދަނީ އެރަށުގެ ރައްޔިތުން އަމިއްލަގޮތުން ހަދާފައިވާ ފާލަމެކެވެ. އަދި އެރަށަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށަކަށްވާއިރު، މުޅި ރަށަށާއި ގެސްޓްހައުސްތަކަށް އެއްފަހަރާ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަނީ އެންމެ ދެ ޖަނަރޭޓަރެވެ.