ކުޅިވަރު

ޤަޠަރު ކޭމްޕްގެ ފައިދާ މިހާރުވެސް ފެނޭ: އަކްރަމް


ޤަތަރު ކޭމްޕްގެ ފައިދާ މިހާރުވެސް ފެންނަމުންދާކަމަށް ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނެފިއެވެ.

އަންނަ މަހު ބަނގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ޤަޠަރުގައި ކޭމްޕްކޮށްފައިވާ ޓީމްގެ ކެޕްޓަން ބުނީ ޤަތަރުގައި މިހާރު ކުރިއަށް ގެންދާ ފަރިތަކުރުންތަކަކީ ވަރަށް ތަފާތު ފަރިތަކުރުންތަކެއްކަމަށެވެ. ހުރިހާކަމެއްވެސް ދަނީ ކުރިއާލައި ވަރަށް ބޮޑަށް ރޭވިގެން، ތާވަލްއަކާ އެއްގޮތަށްކަމަށް އަކްރަމް ބުންޏެވެ. ފަރިތަކުރުންތަކުގެ އިތުރުން ކެއުމުގެ ކަންތަށްތަށްވެސް ހަމަޖައްސާފައިވަނީ ވަކި ގޮތަކަށް އިންތިޒާމްކުރެވިގެންކަން އަކްރަމް ފާހަގަކުރިއެވެ. ބޭނުންވާ ޕްރޮޓީންއާއި، ވިޓަމިންސްތައްވެސް ލިބޭގޮތަށް ކެއުން އިންތިޒާމްކޮށްފައިވާކަން ފާހަގަކުރަމުން އަކްރަމް ބުނީ މީގެ ކުރިން މިފަދަ ޓްރެއިނިންގއެއް ޤައުމީ ޓީމް ފުރިހަމަކޮށްފައިވަނީ ބަޙްރެއިންގައިކަމަށެވެ. އާންމުކޮށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ފުޓްބޯޅަ ޓީމްގެ ފިޓްނަސްގެ މައްސަލައަކީ ވަރަށް ބޮޑަށް ސުވާލު އުފައްދާކަމެކެވެ. އެކަމަށް އިޝާރާތްކޮށް އަކްރަމް ބުނީ މިފަހަރުގެ ކޭމްޕް ނިމޭއިރު ފިޓްނޫން އެއްވެސް ކުޅުންތެރިއަކު ނުހުންނާނެކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ފިޓްވާނެކަމަށެވެ.

މިވަގުތު ޤައުމީ ޓީމަށް އެންމެ މުހިންމު އެއް މުބާރާތަކީ ސާފް ސުޒުކީ ކަޕްކަމަށާއި، ތަށި ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ޤައުމީ ކެޕްޓަން އަކްރަމް ބުންޏެވެ. މުބާރާތަށް ތައްޔާރުވާން ޓީމް ޤަޠަރުގައި ކޭމްޕް ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ އިންޑިޔާއާއި ސްރީލަންކާއާއި އެއް ގުރޫޕްއެއްގައެވެ.