ޚަބަރު

މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ރައީސް ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރަށް


ތަރައްޤީގެ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރަށް މިއަދު ވަޑައިގަންނަވާނެއެވެ.

ސަރުކާރުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް އެރަށްތަކުގެ ރަށްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ހދ. އަތޮޅަށް ކުރައްވާދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަންނަވާނީ އެއަތޮޅު ނޮޅިވަރަންފަރަށެވެ. ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ހަދާފައިވާ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. އަދި މިއަދު ހަވީރު ހދ. އަތޮޅުގެ ވެރިކަންކުރާރަށް ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ކުޅުދުއްފުށީގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަގު ހެދުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހުން ވަޑައިގެންފައިވަނީ ތ. އަތޮޅަށެވެ. ތ. އަތޮޅުގެ 7 ރަށަކަށް އެމަނިކފާނު ވަޑައިގެން އެރަށްރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް އެމަނިކުފާނުވަނީ ދެއްވާފައެވެ.