ޚަބަރު

އިންތިޚާބީ މައި މަރުކަޒުގެ ކައިރީގައި އިދިކޮޅުފަރާތްތަކުން ބާއްވަން އުޅުނު އެއްވުމަށް އާންމުންގެ ތަރުޙީބެއް ނުލިބުނު


އިދިކޮޅު ކޯލިޝަންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު ކައިރީގައި މިއަދު ބާއްވަން ރޭވި އެއްވުމަށް މާބޮޑު ތަރުހީބެއް ނުލިބި ނިންމާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ހިމެނޭ ސަރަހައްދުގައި މިއަދު ހަވީރު 4:00ގައި ބާއްވަން ބުނި ހަރަކާތުގައި 5:00 ވީއިރުވެސް ތިބީ 20 ވަރަކަށް މީހުންނެވެ. އަދި އެއްވުން ފެށުނުއިރު އެމް.ޑީ.ޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރީރަޖިސްޓްރީކުރުމަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ފަސްހާހަށްވުރެ ގިނަ މީހުންގެ ފޯމްގެ ސައްޙަކަން ކަށަވަރު ނުވެގެން އަލުން ރީ-ރަޖިސްޓްރީވުމަށް އެފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުން އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ އާންމުން އެކަމާ ނުރުހިފައިތިބިކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަޑު ފަތުރާފައިވާއިރު، އެކަމާ ދެކޮޅަށް އެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލުމުން އެކަމަށް އާންމުންގެ ތަރުޙީބު ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އާންމުން ކުރާ އިތުބާރު ގެއްލުވާލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ހަޤީޤަތާ ޚިލާފު ވާހަކަތަކަށް އާންމުން މާބޮޑު ސަމާލުކަމެއް ދެމުން ނުދާކަންވެސް މިކަމުން ހާމަވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުންވެސް ވަނީ ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމައަށްވެސް ދެއްވާފައެވެ.