ކުޅިވަރު

ފަހު ވަގުތު ޕާކިސްޠާން މެޗު ކެންސަލް!


ސާފް ސުޒުކީ ކަޕްގެ ކުރިން ޕާކިސްތާނާ ވާދަކުރަން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްވެ، ކޯޗު ފީޓަރ ސެގާޓް މާޔޫސްވެއްޖެއެވެ.

މިރޭ ރާއްޖޭގެ ގަޑިން ދިހައެއް ޖަހާއިރު ފެށުމަށް ތާވަލްކުރި މެޗު ޕާކިސްތާން އެފްއޭއިން ކެންސަލްކުރީ ރޭގެ ވަގުތެއްގައެވެ. މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ޤައުމީ ޓީމް ކޭމްޕްކޮށްފައިވާ ޤަޠަރުގައެވެ. ޕާކިސްތާން ޓީމް ޤަތަރަށް ދިއުމަށް ހުރިހާކަމެއް ހަމަޖައްސާފައިވަނީ ޤަތަރުގެ އެފްއޭއެއިންނެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި ޕާކިސްތާން ޓީމް ޤަތަރަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޕާކިސްތާން ޓީމުން ނާންނަކަން ޤަތަރުގެ އެފްއޭއަށް އަންގާފައިވަނީވެސް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ޤައުމީ ކޯޗު ޕީޓަރ ސެގާޓް ބުނީ މިމެޗަކީ ރާއްޖޭގެ ޓީމަށް ވަރަށް މުހިންމު މެޗްއެއްކަމަށާއި، ސާފް ސުޒުކީ ކަޕަށް ދިއުމުގެ ކުރިން ޓީމް ޓެސްޓްކޮށްލަން ލިބޭ އެންމެ ފަހު ފުރުސަތުކަމަށެވެ. ޓީމް ފިޓްކޮށް އޮތްވަރު ދެނެގަންނަންވެސް މިމެޗަކީ ދިވެހި ޓީމަށް ވަރަށް މުހިންމު މެޗްއެއްކަމަށް ސެގާޓް ބުންޏެވެ. ސާފް ސުޒުކީ ކަޕްގައި ޕާކިސްތާން ލައްވާލާފައިވަނީ ގުރޫޕް އޭގައެވެ. މުބާރާތް ފެށުމުގެ ކުރިންް މުބާރާތުގައި ވާދަކުރާ ޓީމަކާ ދެކޮޅަށް ކުޅެ، ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ ޓީމަށް ވަރަށް ބޮޑު އިތުބާރެއް ލިބުނީސްކަމަށްވެސް ޤައުމީ ކޯޗު ސެގާޓް ބުންޏެވެ. ޕާކިސްތާނާ ދެކޮޅަށް ވާދަވެރި މެޗެއް ކުޅުމަށް ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައިކަމަށްވެސް ސެގާޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ލައްވާލާފައިވަނީ އިންޑިޔާ އަދި ސްލީލަންކާއާއި އެއް ގުރޫޕް އެއްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 5 ވަނަ ދުވަހު އިންޑިޔާ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 7 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ގުރޫޕް ދޭއްގެ ފަހު މެޗުގައި މިއަންނަ މަހުގެ 9 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ.