ކުޅިވަރު

ބާރު ދުވުންތެރިޔާ ބޯލްޓް ފުޓްބޯޅަ ދަނޑަށް ނިކުންނަން ތައްޔާރުވެއްޖެ!


ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޓްރެކް ދޫކޮށްލުމަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ކުރަމުންދާ މަސައްކަތުގައި އޭނާ ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެއްޖެއެވެ.

100 މީޓަރާއި، 200 މީޓަރުގެ ދުވުމުން ދުނިޔޭގެ ރެކޯޑް އޮންނަ އުސެއިން ބޯލްޓް މިހާރު ފަރިތަކުރަމުން ދަނީ އޮސްޓްރޭލިއާގެ އޭ ލީގުގެ ސެންޓްރަލް ކޯސްޓް މެރިނަރސް އާއި އެކުއެވެ.
ބޯލްޓް ބުނީ ހުރިހާވެސް އެއްޗަކީ ފަރިތަކުރުން ކަމަށާއި، މިހާރު އޭނާއަށް ޓީމާއެކު ބަރާބަރަށް ފަރިތަކުރެވެމުންދާކަމަށެވެ. ބޯލްޓް ޓީމާ ގުޅުނުއިރު އެންމެ ފުރަތަމަ ފަރިތަކުރުންތަކުގައި އޭނާ ފުރިހަމައަށް ބައިވެރިވެފައެއް ނުވެއެވެ.
ބޮލްޓް ބުނީ ފުޓްބޯޅައިގެ ތެރެއިން އޭނާއަށް އެންމެ އުނދަގޫވަނީ ދުވެ ދުވެފައި ހުއްޓަން ޖެހުން ކަމަށެވެ. އަދި ކުއްލި ކުއްލިއަށް ސްޕީޑް ނަގަން ޖެހުމާއި، އެކިފަހަރު އެކި ކޮޅުކޮޅަށް ދުވަން ޖެހުން ކަމަށެވެ.
ބޯލްޓް މިހާރު ތައްޔާރުވަމުންދަނީ ސެންޓްރަލް ކޯސްޓް މެރިނަރސް މިއަންނަ ހުކުރު ދުވަހު ކުޅޭ ޓްރައިލް މެޗުގައި ބައިވެރިވުމަށެވެ.

ބޮލްޓްގެ ހުވަފެނަކީ އެންމެ މެޗެއް ނަމަވެސް މެންޗެސްޓަރ ޔުނައިޓަޑް ކުޅުމެވެ.