ޚަބަރު

ރައީސް އަރިއަތޮޅަށާއި، ނިލަންދެ އަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިއަތޮޅަށާއި، ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިއަތޮޅަށާއި، ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެފަހުން ވަޑައިގެންފައިވަނީ އދ. މާމިގިއްޔަށާއި ދ. ކުޑަހުވަދޫއަށެވެ.

މި ދަތުރުފުޅުގައި ރައީސް ޔާމީން މާމިގިއްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންވަނަވާފައެވެ. ރައީސް ޔާމީން ވަނީ މާމިގިއްޔަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤައިމްކޮށްދެއްވާފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މިދަތުރުފުޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ރައީސް ވަޑައިގެންފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށެވެ. ރައީސް ކުޑަހުވަދުއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިތުރު ދައުރަކަށް އެމަނިކުފާނު ހޮއްވަވައިފިނަމަ އެރަށުގައި ސަރަޙައްދީ ވިޔަފާރީގެ ބަނދަރެއް ޤާއިމްކޮށްދެއްވާނެކަމުގެ އުފާވެރި ޚަބަރު ކުޑަހުވަދޫގެ ރައްޔިތުންނަށް ދެއްވަފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވާފައިވާއިރު، މާމިގިއްޔަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އއ. މަތިވެރިއަށާއި، އއ. ތޮއްޑޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ރަށްރަށުގެ ތަރައްޤީއަށް ހިންގުމަށް ރާވާފައިވާ މަޝްރޫޢުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އަރިއަތޮޅާއި، ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.