ޚަބަރު

މިސްކިތްތަކާ ގުޅޭ %95 ޝަކުވާ މިސަރުކާރުން ވަނީ ޙައްލުކޮށްފައި- ޑެޕިއުޓީ މިނިސްޓަރ


މިސްކިތްތަކާ ގުޅޭގޮތުން މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން %95 މިސަރުކާރުން ޙައްލުކޮށްދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒް ޢަބްދުލްޣަފޫރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އިމާމުންނާއި ޙަޠީބުންނަށް އަމާޒުކޮށްގެން ހިންގި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޤަފޫރު އަޙްމަދު ވިދާޅުވީ، މީގެކުރިން އެއްވެސް ސަރުކާރަކުން މިސްކިތްތަކަށް ދިމާވާ މައްސަލަތަކާއި ހުށައެޅޭ ޝަކުވާތަކަށް އެކަށީގެންވާ ޙައްލެއް ގެނެސްފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތަކުން ހުށައަޅާ ގިނަ ޝަކުވާތަކަށް އިޖާބަދީ އެކަންކަން ޙައްލުކޮށްފައިވާ ކަމަށެވެ.

"މިނިސްޓަރު ވަރަށް ބޮޑަށް އިރުޝާދު ދެއްވާކަމެއް މިސްކިތްތަކާ ބެހޭގޮތުން އަންނަ ޝަކުވާތައް މަދުކުރުމަށް މަސައްކަތްކުރުން. މިހާރު އެމަސައްކަތް ކުރަމުންގޮސް 95 އިންސައްތަ ޝަކުވާ މަދުކުރެވިފަވަނީ. ޝަކުވާތައް ނާންނާނެ ގޮތުގެ މަތިން ކަންކަން އަވަހަށް ހައްލުކުރެވޭތޯ އަބަދުވެސް އަންނަނީ މިނިސްޓްރީން މަސައްކަތްކުރަމުން." އަލްއުސްތާޒް ޢަބްދުލްޤަފޫރު އަޙްމަދު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އިމާމުންގެ މުސާރައިގެ ކަންކަން އަވަހަށް ޙައްލުކޮށްދިނުމަށްވެސް ސަރުކާރާއި ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކި ރަށްރަށުގައި ވަޒީފާއަދާކުރާ އިމާމުންގެ މުސާރަ ލިބުން ލަސްވަނީ ކައުންސިލްތަކުން ހުށައަޅަންޖެހޭ ރިޕޯޓްތައް މިނިސްޓްރީއަށް ލިބުން ލަސްވާތީ ކަމަށެވެ.

"މީގަ ދިމާވާ މައްސަލައަކީ އަޅުގަނޑުމެންގެ އިމާމުންނާ ކުޑަކޮށް މައްސަލަޖެހޭ ކައުންސިލްތައް. އެހެންވީމަ އެރިޕޯޓްތައް އަޅުގަނޑުމެންނަށް ލިބުމުގަ ދަތިތަކެއްހުރޭ. ރިޕޯޓް ލިބުނީމަ އެރިޕޯޓުގައި ކުށެއް އޮވެގެން އެކަން ހައްލުކުރަންވެއްޖެއްޔާ އެއީވެސް ވަގުތު ނަގާކަމެއް. އެހެންވީމަ އެކަހަލަ ކަމެއް ދިމާވެގެންނޫނީ މުސާރަ ލިބުން ލަސްވެގެން ނުދާނެ." ޢަބްދުލްޤަފޫރު އަޙްމަދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަމާޒުކޮށްގެން އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަސައްކަތުބައްދަލުވުންތައް ބާއްވަމުންނެވެ. އަދި މިސްކިތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އިމާމުންގެ މުސާރައިގެ ކަންކަން ހައްލުކުރުމަށްވެސް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.