މިއަންނަ ހަފްތާ ތެރޭގައި އައްޑުއާ ފުވައްމުލަައް ސިޓީގައި، މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.
އައްޑޫ ސިޓީން ފަޤީރުންގެ ގޮތުގައި 1812 މީހުން ރަޖިސްޓްރީ ވެފައިވާއިރު ފުވައްމުލައް ސިޓީން ފަޤީރުންގެ ގޮތުގައި 383 މީހުން ރަޖިސްޓްރީ ވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފުވައްމުލައް ސިޓީގައި ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނު 8:30 އިން 11:30 އަށް އެރަށުގެ ހައުސިންގ މިނިސްޓްރީގެ ޑިޕާރޓްމެންޓުންނެވެ. އައްޑޫސިޓީގައި ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުގައެވެ. އެގޮތުން 13 ވަނަ ދުވަހު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހިތަދޫގެ ޒަކާތް ބަހަން ހަމަޖެހިފައިވަނީ 13 ވަނަ ދުވަހު ރޭގަނޑު 8:30 އިން 10:30 އާއި ހަމަށެވެ. އަދި 14 ވަނަ ދުވަހު މެނދުރު ފަހު 2:30 އިން 4:30 އާއި ހަމައަށެވެ. ހިތަދޫގެ ޒަކާތް ބަހަން ހަމަ ޖެހިފައިވަނީ އައްޑޫ ހައިސްކޫލުގައެވެ.
ހިތަދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ޒަކާތް ބެހުމުގެ ކަންކަން ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދާއިރު މި ދަންފަޅި ކުރިއަށް ދާނީ ހެނދުނު 9:30 އިން މެނދުރު 1:30 އަށެވެ. މަރަދޫ އަދި މަރަދޫ ފޭދޫގައި ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ، މަރަދޫގައި ހުންނަ ތަދްރީސުލް ޤުރުއާން ކްލާހުންނެވެ. ފޭދޫގެ ރައްޔިތުންނަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ ޑިޕާރޓްމެންޓުންނެވެ. ހުޅުމީދޫ ރައްޔިތުންނަށް ޒަކާތް ބަހާނީ އެ ރަށުގެ ނަޞްރިއްޔާ ޕްރީ ސް ސްކޫލުންނެވެ.
މިއަހަރު މުދަލުގެ ޒަކާތް ބަހަމުންދަނީ ބޮލަކަށް 1000 ރުފިޔާ ގެ މަގުންނެވެ. ވޭތުވެ ދިޔަ އަހަރު، 2016 ވަނަ އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 900 ރުފިޔާއެވެ. ކޮންމެ ރަށަކަށްވެސް މުދަލުގެ ޒަކާތުގެ ގޮތުގައި ބެހުމަށް ފޮނުވާފައިވަނީ އެ ރަށެއްގައި ފަޤީރުން ދިރިއުޅޭ ނިޞްބަތުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.