ކުޅިވަރު

އޭޝިއަންގޭމްސް: ތައްޔާރުވާން އިންޑިއާ ކުޅުންތެރިން ކޮންޓޭނަރުތަކަށް


މި މަހު ފަހުކޮޅު ފަށާ އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އިންޑިޔާގެ ބައެއް އެތްލީޓުން ކޮންޓޭނަރުތަކަށް ވައްދައިފި އެވެ.

އިންޑިޔާއިން އަމިއްލަ އަށް ތައްޔާރު ކުރި ކޮންޓޭނަރު ތަކުގައި ކުޅުންތެރިން ބައިތިއްބަން ފެށީ ޖަޕާނުގައި ކުޅުންތެރިން ތިބެން ޖެހޭނީ އެއާކޮންޑިޝަން ކޮށްފައިވާ ކޮންޓޭނަރުތަކުގައި ހަދާފައިވާ ކޮޓަރިތަކުގައި ކަމަށްވާތީ އެވެ. ކުރީ ގޭމްސްތަކާ ހިލާފަށް އެތްލީޓް ވިލެޖްގެ ބަދަލުގައި ޖަޕާނުން ނިންމާފައިވަނީ މި ފަހަރުގެ ގޭމްސްގެ އެތްލީތުން ކޮންޓޭނަރުތަކެއް ފަދައިން ތައްޔާރުކޮށްފައިވާ ކުދި ކޮޓަރިތަކުގެ އިތުރުން ކްރޫޒް ލައިނާތަކުގައި ބޭތިއްބުމަށެވެ. މިއީ ހަރަދު ކުޑަ އަދި ދެމެހެއްޓެނިވި ގޭމްސް އެއް ބޭއްވުމުގެ ގޮތުން ކުރާ ކަމެކެވެ.

ސެޕްޓެމްބަރު މަހުގެ 19އިން އޮކްޓޫބަރު މަހުގެ ހަތަރަކަށް ބާއްވާ ގޭމްސްގައި 17000ވުރެ ގިނަ އެތްލީޓުން ބައިވެރިވާނެ އެވެ.

"އެތަނުގައި ކޮންމެ ކަހަލަ ވަސީލަތެއް ހުއްޓަސް އެކަމަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ގޮތުން އަހަރުމެން މި ގޮތަށް ފަރިތަކުރަން މިފެށީ. އަހަރުމެން މަސައްކަތް މި ކުރަނީ އެ މާހައުލު ކުޅުންތެރިންނަށް ފަރިތަ ކޮށްދޭން،" އިންޑިޔާގެ ރީޖަނަލް ޑިރެކްޓަރ އޮފް ސްޕޯޓްސް އޮތޯރިޓީ، ވިޝްނޫ ސުދަކަރަން ވިދާޅުވި އެވެ.

އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ފެސިލީޓިގައި ތައްޔާރު ކޮށްފައިވަނީ 40 ފޫޓު ދިގު 10 ފޫޓު ފުޅާ ކޮންޓޭނަރުތަކެކެވެ. މިއިން ކޮންމެ ތަނެއްގައި ކުޑަ ދެކޮޓަރި އާއި ފާހާނާ އާއި ކުޑަ ބަދިގެއަކާއި ސިޓިން ރޫމަކާއި ޓީވީ އާއި މިއުޒިކް ސިސްޓަމެއް ބަހައްޓާފައިވެ އެވެ.

"މިތަންތަން އޭޝިއަން ގޭމްސް އަށް ފަހު ބޭނުން ކުރާނީ ގެސްޓް ރޫމްތަކެއްގެ ގޮތުގައި،" ސުދަރަކަރަން ވިދާޅުވި އެވެ.

ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ބައިވެރިވާ ކްރިކެޓް ކުޅުންތެރިން ވަނީ އެކޮމޮޑޭޝަންއާ މެދު މިހާރު ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މިހެންވެ ގައުމުތަކުން ބޭނުންވާނަމަ އެ ގައުމަކުން އަމިއްލަ އަށް ހޮޓާތަކުގައި ތިބުމުގެ ހުއްދަ ވެސް ދޭނެ އެވެ.