ޚަބަރު

ރައީސްގެ އަނބިކަނބަލުން ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރިއަށްގެންދަވާ އެންމެގާތުން ކެމްޕެއިންގެ ދަށުން މަލެއަތޮޅުގެ ރަށްރަށަށް އެކަމަނާ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ދޮށީ ޢުމުރުގެ ރައްޔިތުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ޢާއްމުރައްޔިތުންގެ ޙާލުއަޙްވާލު ބެއްލެވުމަށް އެކަމަނާ ކުރައްވާ ޚާއްސަ މަސައްކަތްޕުޅުގެތެރެއިން ކުރައްވާ މިދަތުރުފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދު ހޯއްދެވުމަށްވެސް މަސައްކަތްޕުޅު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އެކަމަނާ ފުރަތަމަ ވަޑައިގެންފައިވަނީ މާލެއަތޮޅު ގުރައިދޫއަށެވެ.

އެކަމަނާ ގުރައިދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ގުރައިދޫގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަމުންއަންނަ މީހުންނާއެވެ.

އެމީހުންގެ ޙާލު ބައްލަވައި މިވަގުތުން މިވަގުތަށް ދެވެން ހުރި ފަރުވާއާއި މިހާރު އެމީހުންނަށް ކުރަމުންގެންދާ ފަރުވާގެ ތަފްސީލް އެކަމަނާވަނީ ހޯއްދަވާފައެވެ. އެއަށްފަހު އެކަމަނާ ވަނީ ގުރައިދޫގެ ޢާއްމުރައްޔިތުންނާއި އިސްރައްވެހިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިޤައުމުގައި ނެގިކޮންމެ ވޯޓެއްގައި ގުރައިދޫގެ މެޖޯރިޓީ ރައްޔިތުން ދައްކަމުންދާގޮތަކީ އިޚުލާސްތެރިކަމުގެ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުރު ވިދާޅުވީ، މިޤައުމުގެ އިސްތިޤުލާލާއި ހަމަޖެހުމާއި މިޤައުމުގެ އިސްލާމީ ވަހުދަތު ނަގާލުމަށް މިސަރުކާރުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި މިޤައުމުގެ މިނިވަންކަން ނަގާލުމަށް ތަފާތު ސިފަސިފާގައި ވާހަކަފުޅުދައްކަމުންދާ ފަރާތްތަކަށް ވޯޓު ނުދިނުމަށްވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މާލެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން އެކަމަނާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.