ޚަބަރު

ރައީސްގެ އަނބިކަނބަލުން ކ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމް ކ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ކ. އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީ ދޮށީ ޢުމުރުގެ ރައްޔިތުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ޢާއްމުރައްޔިތުންގެ ޙާލުއަޙްވާލު ބެއްލެވުމަށް އެކަމަނާ ކުރައްވާ ޚާއްސަ މަސައްކަތްޕުޅުގެތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެކަމަނާ ފުރަތަމަ ވަޑައިގެންފައިވަނީ މާލެއަތޮޅު ގުރައިދޫއަށެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ ގުރައިދޫގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަމުންއަންނަ މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހާލު ބައްލަވާފައެވެ. އަދި އެމީހުންނަށް ދެމުންދާ ފަރުވާގެ ތަފްސީލްވެސް އެކަމަނާވަނީ ހޯއްދަވާފައެވެ. އެއަށްފަހު އެކަމަނާ ވަނީ ގުރައިދޫގެ ޢާއްމުރައްޔިތުންނާއި އިސްރައްވެހިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ރައީސްގެ އަނބިކަނބަލުންގެ މިދަތުރުފުޅުގައި ދެން ވަޑައިގެންފައިވަނީ މާފުއްޓަށާއި ގުޅިއަށެވެ.

މިދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ވަނީ ކޮންމެ ރަށަކަށްވެސް ވަޑައިގެން އެރަށްރަށުގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ތަފާތު އެކި ބަލިތަކަށް ބޭސްފަރުވާކުރަމުން އަންނަ މީހުންނާ ބައްދަލުކުރައްވާ މިވަގުތުން މިވަގުތަށް ދެވެން ހުރި ފަރުވާއާއި މިހާރު އެމީހުންނަށް ކުރަމުންގެންދާ ފަރުވާގެ ތަފްސީލް ހޯއްދަވާފައެވެ. އަދި އެރަށްތަކުގެ އިސްރައްވެހިންނާއި ކަނބަލުންނާއި ޒުވާނުންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އެކަމަނާ ވަނީ އަޑުއައްސަވާފައެވެ.