މ. މަޑުއްވަރީ ގިނަ ރައްޔިތުންތަކެއް ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި މިއަދު ގުޅިއްޖެއެވެ.
ޕީޕީއެމާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތަކާއި ޙަވާލުވެލެއްވީ މ. އަތޮޅުގެ ރަށްތަކަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމެވެ.
މ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެކަމަނާ އެންމެ ފުރަތަމަ ވަޑައިގަތީ މ. އަތޮޅުގެ އެންމެ އާބާދީ ކުޑަ އެއް ރަށް ކަމަށްވާ މ. ރަތްމަންދޫ އަށެވެ. ރަތްމަންދޫއަށް ވަޑައިގެން އެކަމަނާ ވަނީ އެރަށުގައި ދިރިއުޅޭ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
އެންމެ ގާތުން ކެމްޕެއިންފެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ މީގެކުރިންވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ. އަދި އެ ރަށްތަކުން އެކަމަނާއަށް ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ އަނބިކަނބަލުން މަޑުއްވަރީއަށް ވަޑައިގަތުމުން އެރަށުގެ ޒުވާނުންވަނީ ބަނދަރުގައި އެކަމަނާގެ ޝަރަފުގައި ބޮޑުބެރާއެކު ކުރު ފަލީގެ އައިޓަމެއްވެސް ހުށަހަޅާދީފައެވެ.
މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރެއްވުމަށްފަހު އެކަމަނާ އެންމެ ފުރަތަމަވެސް ވަޑައިގަތީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށެވެ. އެއަށްފަހު އެރަށުގެ އިސްރައްވެހިންނާއި ޒުވާނުން އަދި ކަނބަލުންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް ވަނީ އަޑުއައްސަވާފައެވެ.
މިބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާއިލް ނާފިޢު ވަނީ ރައީސްގެ އަނބިކަނބަލުން އެރަށަށް ވަޑައިގެންނެވުމުން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދަންނަވާފައެވެ.
ނާފިޢު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މަޑުއްވަރީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
އެގޮތުން ބަނދަރާއި، ޒަމާނީ ފެންވަރަށް ހަދާފައިވާ ކައުންސިލް އިދާރާއާއި، ކަރަންޓު ފޯރުކޮށްދިނުމަށް ހަދާފައިވާ އާ އިންޖީނުގެއާއި، ފުޓުބޯޅަ ދަނޑު ވަށައިގެން ފެންސް ޖެހުންފަދަ އެތައް ކަމެއް ކޮށްދެއްވީވެސް ރައީސް ޔާމީން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މަޑުއްވަރީ އިން ރައީސް ޔާމީނަށް ބޮޑުތަނުން އާނއެކޭ ބުނާ ވަރުގެ ނަތީޖާއެއް ނެރެދޭނެ ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ހުރިހާ ރައްޔިތުން އެއްކޮށް މުޅިން އާ އަޒުމެއްގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާ ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދައްކަމުންދަނީ ހޮޅި ވައުދުތަކެއް ކަމަށާއި އެފަރާތްތަކުން ރައްޔިތުންނާ ދޭތެރޭ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީންގެ ވައުދުތައް ކޮޕީ ކުރަމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސްގެ އަނބިކަނބަލުން މ. އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މާދަމާ އެ އަތޮޅު ކޮޅުފުއްޓާއި ނާލާފުއްޓަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.