ޚަބަރު

ދުނިޔެ ސާފުކުރުމުގެ ބޮޑު ޙަރަކާތް ރާއްޖޭގައި ފަށައިފި


ކުންޏާ މެދު އާއްމުން ހޭލުންތެރިކުރުވަން މުޅި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޙަރަކާތް ރާއްޖޭގައި ފަށައިފިއެވެ.

"ވޯލްޑް ކްލީންއަޕް ޑޭ 2018" ނުވަތަ "ދުނިޔެ ސާފުކުރުމުގެ ދުވަހު"ގެ ރަސްމީ ޙަރަކާތް ރާއްޖޭގައި ފެށީ މިއަދު ހެދުނު އައްޑޫސިޓީ ހިތަދޫގައެވެ. 'ޖޭ.ސީ.އައި އައްޑޫ' އަދި 'ލެޓްސް ޑޫ އިޓް މޯލްޑިވްސް' ގުޅިގެން ރާއްޖޭގައި މި ޙަރަކާތް އިންތިޒާމުކޮށް ކުރިޔަށް ގެންދާއިރު، މިޙަރަކާތް ފެށީ ހިތަދޫގެ 'ކިނބިވައު' ސާފު ކުރުމުންނެވެ.

އައްޑޫސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވި މި ޙަރަކާތް ފެށީ ހެނދުނު 7:30 ގައެވެ. މިޙަރަކާތުގައި 3 ގަޑިއިރު ތެރޭގައި 200 އަށް ވުރެ ގިނަ ޑަސްޓްބިން ބޭގު ފުރާލެވިފައިވާ ކަމަށް ހަރަކާތް އައްޑޫގައި އިންތިޒާމު ކުރި ޖޭސީއައި އައްޑޫ އިން ބުނެއެވެ. 'ކިނބިވައު' ސަރަހައްދު ސާފު ކުރުމާއި ގުޅޭގޮތުން ޖޭސީއައިން ބުނީ މިޞަރަޙައްދު ސާފު ކުރުމުގެ ބޭނުމަކީ ބޮޑު ޙަރަކާތެއް ބޭއްވުމުގެ ބަދަލުގައި ކުނި އެޅުމާއި މެދު މީހުންގެ ޚިޔާލު ބަދަލު ކުރުން ކަމުގައެވެ.

ދުނިޔެ ސާފު ކުރުމުގެ ދުވަހުގެ ހަރަކާތްތަށް ރާއްޖޭގައި ހިންގުމަށް އިސް ކޮށް ހަރަކާތްތެރިވާ 'ލެޓްސް ޑޫއިޓް ވޯލްޑް' ގެ ރާއްޖޭގެ ގޮފި، 'ލެޓްސް ޑޫއިޓް މޯލްޑިވްސް' އިން ބުނެފައިވަނީ އެ ފަރާތުން ބޭނުންވަނީ ރާއްޖޭގައި ޕްލާސްޓިކް ފަދަ ކުނީގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުމާއި ބެހޭ ގޮތުން މީހުންގެ ހޭލުން ތެރިކަން އިތުރު ކޮށްދިނުން ކަމުގައެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަދި ފޯކަސް އަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މީހުންނަށް ވެސް އެވެއަރނެސް ކްރިއޭޓް ކޮށްދިނުން. ޕްލާސްޓިކް ފަދަ ތަކެއްޗަކީ ހަލާކުވާނެ އެއްޗެއް ނޫންކަން، މިހެން އަޅާ ކުނި ކިތަންމެ ޒަމާނެއް ވިއަސް ހުންނާނެ ކަން. މި ތަން އަޅުގަނޑު މިއަދު އައިސް ބަލާލުމުން މީގެ 30، 40 އަހަރު ކުރީގެ ކުނިވެސް މިތާ އެބަހުރި." ލެޓްސް ޑޫއިޓް މޯލްޑިވްސްގެ ޓީމް ލީޑަރ، ޔާމީން ސައީދު ބުންޏެވެ.

މިއަދުގެ މިޙަރަކާތުގައި ޖޭސިއައި އަދި ލެޓްސް ޑޫއިޓް މޯލްޑިވްސްގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް، ދިވެހި ރެޑް ކްރެސެންޓު، އެމްއެންޑީއެފް ސަދަން އޭރިއާ އަދި ވެމްކޯގެ ފަރާތުން ބައިވެރިވެއެވެ.

ދުނިޔެ ސާފު ކުރުމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހުއެވެ. މިއީ 'ލެޓްސް ޑޫ އިޓް ވޯލްޑް' ޙަރަކާތުގެ ދަށުން މިދުވަސް ފާހަގަ ކުރާތާ 11 ވަނަ އަހަރެވެ. ދުނިޔެ 150 އަށް ވުރެ ގިނަ ޤައުމުގައި މިއަދު ސާފުކުރުމުގެ އެކި ޙަރަކާތްތައް ކުރިޔަށް ގެންދާއިރު، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ސާފު ކުރުމުގެ ހަރަކާތްތަށް ދަނީ ހިންގަމުންނެވެ.