ޚަބަރު

ޝިރުކު ކުރާ ބައެއްގެ ފަހަތުގައި މުސްލިމުން އުޅެގެން ނުވާނެ - ޝައިޚް މުޖްތަބާ


އެންމެ ބޮޑު އަނިޔާއަކީ މާތްﷲ އަށް ޝިރުކު ކުރުން ކަމަށަވާއިރު، މުސްލިމުންނަށްވެ ތިބެ ޝިރުކުކުރާ ބައެއްގެ ފަހަތުގައި އަނިޔާވެރިކަން ނައްތާލުމަށްކަމަށް ބުނެ ތިބުމަކީ ހިތާމަހުރި ކަމެއްކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ސްޓޫޑިއޯއިން ގެނެސްދޭ އޮނަތިރީސް މިނެޓް ޕްރޮގްރާމްގައި "އެންމެ ބޮޑު އަނިޔާ" މިމައުޟޫއަށް ވާހަކަދައްކަވަމުން ޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ، ފަހަކަށްއައިސް ދިވެހި މުޖުތަމަޢުގައިވެސް އަނިޔާވެރިކަން ނައްތާލުމުގެ ވާހަކަ ފަތުރަމުންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަމަށެެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ހުރިހާ ވައްތަރެއްގެ އަނިޔާވެސް ހަރާމް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝައިޚް ވިދާޅުވީ، އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އަނިޔާއަކީ ޝިރުކުކަން އަޅުގަނޑުމެންގެ މުޖުތަމައުގައި އަދި ދަރިންންގެ ހިތްތަކުގައިވެސް އާލާކުރަންޖެހޭކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު އަނިޔާވެރިކަމުގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކަމުންދަނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އިސްލާމް ދީންކަން ޝައިޙް ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ޝިރުކުކުރުން އެއީ ރަނގަޅުކަމަކަށްވެފައި، ޝިރުކުކުރާ މީހުންގެ ފަހަތުގައި އަނިޔާވެރިކަން ނައްތާލަން އަޅުގަނޑުމެން އިސްލާމް ދީނަށް ނިސްބަތްވެފައިވާ ބަޔަކު އުޅޭކަމީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭކަމެއް އިނގޭތޯ. މިއަދު ޝިރުކު ކުރުމާއި، ޝިރުކުކުރެވޭ ތަންތަން ހިމާޔަތްކުރުމާއި، އެތަންތަނަކީ އާސާރީތަންތަން ކަމުގައި ބަލައިގަތުމާއި، މިކަންކަން މުސްލިމް މުޖްތަމަޢުތަކުގައި އިންދާ އެކަންތައްތައް މުސްލިމު ކިޔަވާ ކުދިންނަށް ވިސްނައިދީ އެކަންކަން ޕްރޮމޯޓްކުރެވެމުން މިދާއިރު، މިކަންކަން މިހެން އޮވެފައި މިކަން ޕްރޮމޯޓްކުރާމީހުން ނުކުމެ އަނެއް ދުވަހު މިބުނަނީ އަތްކެނޑުމަކީ އަނިޔާއޭ، ޤިސާސް ހިފުމަކީ އަނިޔާއޭ، އަންހެނުން ބުރުގާ އެޅުވުމަކީ އަނިޔާއޭ، އެމީހުންނަށް މިފެންނަނީ އިސްލާމް ދީން އަނިޔާވެރިކަމުގެ ގޮތުގައި. އެކަމަކު އަޅުގަނޑުމެން ހެއްދެވި ފަރާތުން މިއަންގަވަނީ އެއިލާހަށް ޝިރުކު ކުރުމަކީއޭ އެންމެ ބޮޑު އަނިޔާއަކީ." ޝައިޙް މުޖްތަބާ ވިދާޅުވިއެވެ.

ޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ، ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްވި ހިސާބުން ފެށިގެން ދިވެހި މުޖްމަޢުގައި އަނިޔާ ނަމުގައި ބޯޑު އަޅުވައިގެން މަސައްކަތްކުރަނީ ކޮން މަޤްސަދެއްގައިކަން ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށެވެ. އަދި އިސްލާމް ދީނަށް ބަޔަކު ފުރައްސާރަކުރާއިރު، އިއްތިޚާދުތައް ހަދައިގެން އެކަންކަން ހުއްޓުވަން މަސައްކަތްކުރާތަން ނުފެންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދުވާލަކު ދެއިރު ދެދަޅައަށް ބަޔާން ނެރެ ނޫސްކޮންފަރެންސްތައް ބާއްވާ މުޒާހަރާ މިކުރަނީ ކޮންކަމަކަށްތޯ. މިސާލަކަށް ފައިސާއަށް ޚިޔާނާތްތެރިވަނީއޭ، ކޮރަޕްޝަނޭ، ނޫނީ ވަކި މީހަކު ހައްޔަރުކޮށްފައި ހުރީމަ އެމީހަކު އޭނަގެ ޙައްޤުގައި އަނިޔާވެރިކަން ނައްތާލުމަށް." ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ޝައިޚް މުޖްތަބާ ޙަމީދު ވަނީ ކޮންމެ މުޖުތަމައެއްވެސް ނުވަތަ ޖަމާޢަތްތައްވެސް އެންމެ ރަނގަޅު ގޮތުގައި ކުރިއެރުވޭނީ އެތަނެއްގައި ހުންނަ ވެރިމީހާއަށް ކިޔަމަންގަނެގެންކަން ފާހަގަކުރައްވާފައިއެވެ.