ޚަބަރު

އިންތިޚާބުގެ މުސްތަޤިއްލުކަމާއި މެދު ޝައްކު އުފެދޭ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި


ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، އިންތިޚާބު އޮބްޒާރވް ކުރުމަށް ރާއްޖެ އައިސްފައިވާ ބައިނަލްއަޤްވާމީ ވަފްދުތަކުން އިންތިޚާބުގެ ހުރިހާ މަރުޙަލާއެއްގައި އެއްބާރުލުން ދިނުމަށް ފޮރިންގ މިނިސްޓްރީން އެދިލައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރީން އެފެއަރޒުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ މުސްތަޤިއްލުކަމާއި މެދު ޝައްކު އުފެދޭ ފަދަ ސައްޙަ ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަކީ މިނިވަން، ހާމަކަން ބޮޑު އަދި ޞައްޙަ އިންތިޚާބަކަށް ހެދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބަހައްޓާ ޝައުޤުވެރިކަމާއި މެދު ޝުކުރު އަދާކުރާ ކަމަށްވެސް ފޮރިންގ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި އިންތިޚާބު ގެ ޢުޞޫލުތަކާއި އެއްގޮތަށް ސައްޙަ ތެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށް ބައިނަލްއަޤްވާމީ ވަފުދުތަކާއި ދިވެހި މޮނީޓަރުންނާއި އޮބްޒާވަރުން އަދި މަންދޫބުންގެ ކިބައިން ވަނީ އެދިފައެވެ.

ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޙާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއްގެ މިނިވަންކަމާއި އިންސާފުވެރިކަމާއިމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތަޢުރީފު ލިބިފައިވާކަން ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބަކީވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ފޮރިންގ މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ރިޔާސީ އިންތިޚާބަކީ ހާމަކަންބޮޑު، މިނިވަން މުސްތަޤިއްލު އިންތިޚާބަކަށް ހެދުމަށް ޤާނޫނީ ހަމަތަކުގެ މަތިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އޮތްކަމަށްވެސް ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ރާއްޖޭ ގެ އިންތިޚާބާއި ބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން، ރާއްޖޭން ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ބައިވެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދޫކޮށްފައެވެ. އަދި ދިވެހި މޮނީޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުން ގެ މަންދޫބުންނަށް އިންތިޚާބުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތުވެސް އެ ކޮމިޝަނުން ވަނީ ދީފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި 11 އެޖެންސީއެއްގެ 38 މަންދޫބުންނާއި އެކި މީޑިއާތަކުގެ 26 މޮނީޓަރުންނަށް އިލެކްޝަނުން ވަނީ ދޫކޮށްފައެވެ.

ރިޔާސީ އިންތިޙާބު ގެ ވޯޓުލުން މާދަމާ ހެނދުނު އަށެއްޖަހާއިރު ފަށާއިރު އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ނިމޭނެ ގަޑިކަމަށް އިލެކްޝަނުން ބުނެފައިވަނީ ހަތަރެއް ޖަހާއިރުއެވެ.