ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސް ހިންގުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ދެމެދު ސޮއިކޮށްފިއެވެ.
ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާޙީމް ދީދީ ވިދާޅުވީ، ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސް އުފައްދާފައިވަނީ ރާއްޖޭގެ މާލީ ހިދުމަތުގެ ދާއިރާއަށް ބޭނުންވާ ޚާއްސަ ތަމްރީނުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި އެމްއެންޔޫއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށްޓަކައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި އިންސްޓިޓިއުޓް ވެގެންދާނީ މި ސަރަހައްދުގައި ހަރަކާތްތެރިވާނެ ތަނަކަށް. މި މަސައްކަތުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ބައިނަލްއަޤްވާމީ މާލީ ޚިދުމަތްދޭނެ މަރުކަޒެއް ޤާއިމުކުރުން. މި މަރުކަޒުން ދޭ ހިދުމަތުގެ ތެރޭގައި ރާއްޖޭގައި އެފަދަ މަސައްކަތަކަށް ބޭނުންވާނެ މީހުން ތަމްރީނުކުރެވޭނެ." އިބްރާޙީމް ދީދީ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ވިދާޅުވީ، ޤައުމީ ޔުނިވާސިޓީގެ މައިގަނޑު މަޤްސަދަކަށް ވާނީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސް އިން މިސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދިނުން ކަމަށެވެ. އެމްއެންޔޫގެ އަމާޒަކީ އެ ޔުނިވާސިޓީއަކީ މިސަރަހައްދުގައި ނަންހިނގާ ތަނަކަށް ހެދުން ކަމަށާއި އެހެންކަމުން ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސްގެ އިންސްޓިޓިއުޓާއެކު މިކަންކަން އިތުރަށް ފުޅާވެ ސަރަޙައްދުގެ މުހިންމު ތަނަކަށް އެތަން ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްލާމިކް ފައިނޭންސްއާއި އިންސްޓިޓިއުޓުން އެކި ކަހަލަ ޕްރޮގްރާމްތައް މިހާރުވެސް ހިންގަމުންދޭ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފުޅާވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ. އަޅުގަނޑުމެންގެ ވިސްނުން މިހާރުވެސް ހުރީ ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ މޮޑިއުލްތައް ހިމެނިގެން ކިޔަވައިދެވޭނެ ގޮތަކަށް." ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.
ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސް އަކީ ރާއްޖޭގެ މާލީ ހިދުމަތުގެ ދާއިރާއަށް ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ ޚާއްސަ ތަމްރީނުތައް ހޯދައިދިނުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. އެގޮތުން އެތަނުން މިހާރުވެސް އަންނަނީ މިދާއިރާއިން މީހުން ތަމްރީނުކުރުމަށް ކޯސްތައް ހިންގަމުންނެވެ.