އަތޮޅުތައް

އައްޑޫ ސިޓީން ދޫކުރާ ގޯތިތަކަށް އެދުމުގެ ފުރުޞަތު އާދީއްތަ ދުވަހާ ހަމައަށް އިތުރުކޮށްފި


އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 450 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު އާދީއްތަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް އެދުމުގެ ފުރުޞަތު ކުރިން މިއަދު ހަމަވާގޮތަށް އޮތް ނަމަވެސް އެ ފުރުޞަތު އާދިއްތަ ދުވަހާ ހަމައަށް އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެގޮތުން އާދިއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގޯއްޗަށްް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އަޑޫސިޓީން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ 4 ރަށަކުންނެވެ. އެއީ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫންނެވެ. ހުޅުދޫ އާއި މީދޫ، މި ދެރަށުންކުރެ ކޮންމެ ރަށަކުން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ގޯއްޗެވެ. އަދި ހިތަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ގޯއްޗެވެ. މި 3 ރަށުން ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1400 އަކަފޫޓޫގެ 200 ގޯއްޗެވެ.

އައްޑޫސިޓީއިން 450 ގޯތި ދޫކުރުމަށް ހައުސިންގް މިނިސްޓްރީން އިޢިލާން ކޮއްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

ގިނަ ދުވަސްތަކަކަށްފަހު އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހުޅުވާލާފައިވާއިރު، އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރ ހެދުމަށްޓަކައި އެ ސަރަޙައްދުން ސަރުކާރަށް ނެގި ގޯތިތައް އަނބުރާ ދިނުމަށް ނިންމައި، އެ ގޯތިތަކުގެ ޙައްޤުވެރި ފަރާތްތަކަށް އެ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެރވެ.