ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ރިޑަންޑަންސީ ޕޮލިސީއާއެކު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ބައެއް ކައުންސިލްތަކުން އިއުލާން ކުރުމަކާ ނުލައި ވަޒީފާ ދޭ މައްސަލަތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އާންމުންގެ ފަރާތުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މުވައްޒަފުން ނަގާއިރު އެލްޖީއޭގެ ހުއްދަ ހޯދަން އަންގައި ކައުންސިލްތަކަށް ފޮނުވި ލިޔުމާ ގުޅޭގޮތުން އެ އިދާރާގެ ސީއީއޯ މުޙައްމަދު ނިމާލްއާ ސުވާލުކުރެއްވުމުން ވިދާޅުވީ އެއީ މުވައްޒަފުން ނެގުމުގެ ބާރު ކައުންސިލްތަކުން އުނިކުރުމަށް އެންގެވި އެންގެވުމެއް ނޫން ކަމަށެވެ.
މި ދުވަސްވަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރު އެ ފަރާތްތަކަށް ކައުންސިލްތަކުން ވަޒީފާ ދެމުން އަންނަކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި ފިޔަވަޅު އެޅުއްވީ އެކަން ހުއްޓުވުމަށް ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ސަރުކާރުން 3 މަސް ދުވަހުގެ މުސާރަ ދިނުމަށްފަހު ވަކިކުރާ މުވައްޒަފުންނަށް އިއުލާން ކުރުމަކާނުލައިވެސް ވަޒީފާ ދެމުން އަންނަކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ. މި މައްސަލަތައް ބެލުމުގެ މަސައްކަތް އެލްޖީއޭއިން މިހާރު ފަށާފައިވާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
"މި ޝަކުވާތައް އެބައާދޭ އާންމު ރައްޔިތުންގެ ފަރާތުން. ނިމާލްއޭ ފެނަކައިން އިއްޔެ ވަޒީފާއިން ވަކިކުރި މުވައްޒަފު މިއަދު ކައުންސިލް އިދާރާގެ ވަޒީފާއަށް ނުކުމެއްޖެއޭ 3 މަސް ދުވަހުގެ މުސާރަ ނަގައިގެން. ކޮބައިތޯއޭ. ލިބުނު ގެއްލުމެއްވެސް ނެތެއް ނޫންހޭ. އިއުލާންކުރުމެއް ނެތި އެބަނަގައޭ. އާރުޑީސީން މިދިޔަ މަހު ކެނޑުނު މުވައްޒަފަކު މި މަހު 10ގައި ވަޒީފާއަށް ނިކުމެއްޖެއޭ. އެފަދަ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަ ކަމަށްވަންޏާ ސީއީއޯއަކަށް ހުންނަ މީހާގެ މަސްއޫލިއްޔަތެއް އެކަން ހަމަމަގުން ގަވާއިދުގެ ތެރެއިން ކުރިއަށްގެންދިއުމަށްޓަކައި އަންގަންޖެހޭ އެންގުންތައް އެންގުމަކީ." އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މުވައްޒަފުން ނެގޭނީ އެލްޖީއޭގެ ހުއްދައާއެކުގައި ކަމަށް އެންގި ނަމަވެސް ގަވާއިދާ އެއްގޮތަށް ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ހުރަހެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުން ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުންފުނިތައް ރައިޓް ސައިޒްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން ވަކި ކުރާ މުވައްޒަފުންނަށް 3 މަސްދުވަހުގެ މުސާރަ ދިނުމުގެ އިތުރުން އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ނަމަވެސް މި ސިޔާސަތުގެ ދަށުން ވަކިކުރާ މުވައްޒަފުންނަށް ކައުންސިލް އިދާރާތަކުން ވަޒީފާ ދިނުމުގެ ސަބަބުން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤުޞަދު ހާސިލްނުވާނެކަމުގެ ކަންބޮޑުވުން ރަށްރަށުގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.