ޚަބަރު

ޝައިޚް ޝަމީމް އިންޑިޔާގެ އެއަރޕޯޓަކުން ހިފަހައްޓައިފި


ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް އިންޑިއާގެ އެއަރޕޯޓަކުން ހިފަހައްޓާ އަނބުރާ ރާއްޖެ ފޮނުވާލަން ނިންމައިފިއެވެ.

އިންޑިއާގައި ހުންނަ ދިވެހި އެންބަސީން މައުލޫމާތުދޭގޮތުގައި ޝައިޚް ޝަމީމް އަނބުރާ ރާއްޖެ ފޮނުވާލަން ނިންމާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެއެވެ. އެގޮތުން ޝައިޚް މިއަދު ހެނދުނު އިންޑިއާއަށް އެތެރެވުމުން އެގައުމުގެ އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ.

އިންޑިއާގައި ހުންނަ ދިވެހި އެންބަސީއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އެންމެ އަވަހަށް ޓްރިވެންޑްރަމުން ރާއްޖެއަށް އަންނަ ފްލައިޓަކުން ޝައިޚް ފޮނުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. ނޫސްތަކުގައި ބުނެފައިވަނީ ޝެއިޙް ޝަމީމް ޑީޕޯޓްކޮށްލަނީ ނޫން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝައިޚް ޝަމީމް އިންޑިއާއަށް ގޮސްފައިވަނީ އާއިލާގެ ބޭފުޅަކާއެކު ބޭސްފަރުވާއަކަށެވެ. އަދި އެފަރާތަށް ވަނީ އިންޑިއާއަށް އެތެރެވުމުގެ ހުއްދަދީފައެވެ.

ޝައިޚް ޝަމީމް އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު އިރު، މީގެ ކުރިން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިޙާން ހުސައިން މަނިކު ވެސް ވަނީ އިންޑިއާއަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.