ކުރިއަށް އޮތީ ދީނީ ޢިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް މިހެން ވިދާޅުވީ، ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް އިންޑިއާއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަނުދިން މައްސަލައިގައި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދު ޢަބްދުލްޤަފޫރު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ.
ހާމިދު އަބްދުލްޣަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު، އިންޑިއާއިން ޑީޕޯޓްކުރަމުންދަނީ ރައީސް ޔާމީންގެ "ފަޅީގެ" މީހުންކަމަށެވެ. އެގޮތުން ކުރިން ޑީޕޯޓްކޮށްލީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާންކަމަށާއި މިހާރު ޑީޕޯޓްކޮށްލަނީ ރައީސް ޔާމީންގެ ރަނިންގ މޭޓު ފެކްޝަންގެ ބޭފުޅެއްކަމަށް ހާމިދު ވިދާޅުވެފައިވެއެވެ.
ހާމިދުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. ޝަޙީމް ވަނީ "ވަކި ފެކްޝަނަކަށް ނިސްބަތްވާ މީހަކު ނަމަ އެމީހަކަށް ގެއްލުންދިނުމަކީ އިންސާފުގެ މަގުތޯ" ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި އެފަދަ ކަންތައްތަކުން ރަމްޒުކޮށްދެނީ ކުރިއަށް އޮތީ ދީނީ ޢިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށް ވިދާޅުވެ، ޑރ. ޝަޙީމް ވަނީ ޝައިޚް ޝަމީމަށް ކެތްތެރިކަން ދެއްވުމަށް އެދޭކަމަށް ވިދާޅުވެފައެވެ.
ޝައިޚް ޝަމީމް އިންޑިއާއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާއިރު، އޭނާ އިންޑިއާއަށް އެތެރުވުމަށް ހުރަސް އެޅި ސަބަބެއް އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި އިންޑިއާގައި ތިބޭ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނަށްވެސް އޭނާއާ ބައްދަލުކުރުމަށް އިންޑިއާއިން ވަނީ ހުރަސް އަޅާފައެވެ. ސިޔާސީ ފަރާތްތަކުންނާއި ދީނީ އިލްމުވެރިން ދަނީ މިކަމާ ގުޅިގެން ކަންބޮޑުވާކަން ހާމަކޮށް، ނުރުހުން ފާޅުކުރަމުންނެވެ.