ތިނަދޫ ސްކޫލުގެ މުދައްރިސުންނަށް ޚާއްސަކޮށްގެން މަދަހަ މުބާރާތެއް ބާއްވައިފިއެވެ.
ސްކޫލުގެ ސްޓާފުންގެ މެދުގައި ވާދަކުރާގޮތަށް ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި 20 ޓީޗަރުން ބައިވެރިވިއެވެ. ގްރޫޕުގެ ބައިގައި ހަތަރު ހައުސްއާއި އެސްއެމްޓީން ބައިވެރިވެރިވިއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެ ސްކޫލުގެ ޕްރިންސިޕަލް، މުހައްމަދު އަޖީބު ވިދާޅުވީ އެ މުބާރާތް ބޭއްވުމުގެ ބޭނުމަކީ ޓީޗަރުންނަށް އެކި ދާއިރާތަކުން ލިބިފައިވާ ހުނަރުތައް ދައްކާލުމުގެ މަގުފަހިކުރުންކަމުގައެވެ.
ތިނަދޫ ސްކޫލުގައި މިއަހަރު ޓީޗަރުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާއިރު، މި ޙަރަކާތަކީވެސް ޓީޗަރުންގެ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތެއްކަށްވެސް ތިނަދޫ ސްކޫލުން ބުނެއެވެ.
"އިންޓަރ ހައުސަށް ބޭއްވޭ މަދަހަ މުބާރާތެއް މިއީ. ކޮންމެ ހައުސަކުންވެސް ހަމަ ހުރިހާ ޓީޗަރުން ކަހަލަ ގޮތަކަށް ބައިވެރި އެބަ ވޭ. މި މުބާރާތަކީ ޓީޗަރުންގެ މަދަހަ ކިއުމުގެ ހުނަރު ނުވަތަ ލަވަ ކިއުމުގެ ހުނަރު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ މުބާރާތެއް ކަމަށް ބެލެވޭ،" އަޖީބު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ދަރިވަރުންނަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ މުބާރާތުގެ ސަބަބުން ސްކޫލުގައި ބޭއްވޭ އެކަހަލަ އެކި އެކި މުބާރާތްތަކުގައި ދަރިވަރުން ތަމްރީން ކުރުމަށް މުދައްރިސުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އަޖީބު ވިދާޅުވިއެވެ.
ތިނަދޫ ސްކޫލުގައި ރޭ ބޭއްވި އެ މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަބްދުﷲ ޖިހާދުގެ ސްޕޮންސަރ ކުރައްވައިގެން ބޭއްވި މުބާރާތެކެވެ.