ޚަބަރު

އިންތިޚާބު ބާޠިލުކުރަން ހުށަހެޅީ ރައްޔިތުންގެ ޙައްޤުގައި - ޑރ.މުއިއްޒު


ރިޔާސީ އިންތިޚާބު ބާޠިލުކުރަން ސުޕްރީމްކޯޓަށް ހުށައެޅީ، ދިވެހި ޤައުމުގެ މުސްތަޤުބަލާއި ހުރިހާ ރައްޔިތުންގެ ޙައްޤުގައި ތެދުވެވަޑައިގަންނަވަން ރައީސް ޔާމީނަށް މަޖުބޫރުވެވަޑައިގަތުމުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސުން ގެނެސްދޭ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށްފަހުވެސް އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނުގެ ފަރާތުން ހުށައެޅީ، ދުރާލާ ވަކިގޮތަކަށް ބައްޓަންކޮށްގެން އިދިކޮޅު ކެނޑިޑޭޓަށް އިންތިޚާބު ކާމިޔާބުކުރުމަށް ކަންތައްތަކެއް ކުރިކަން ޝައްކެއް ނެތް މިންވަރަށް އެނގި ހާމަވުމުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންތިޚާބާއި ގުޅޭ ގިނަ ޝަކުވާތަކާއި އެތަކެއް ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ޔާމީނާއި ހަމައަށް އައިކަމަށާއި، އެކަންކަމުގެ ޙަޤީގަތް ހާމަނުވާނަމަ އަބަދުގެ އަބަދަށް ޤައުމުގައި ބޮޑު ލައްގަނޑެއް ޖެހިގެންދާނެކަމަށެވެ.

"މުޅި ދިވެހި ރައްޔިތުންގެ، ހަމައެކަނި ރައީސް ޔާމީނަށް ވޯޓުލެއްވި ބޭފުޅުންނެއް ނޫން، ހަމައެކަނި އެމަނިކުފާނުގ ޙައްޤުތަކެއްވެސް ނޫން. މިއީ ދިވެހި ޤައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު ތެދުވެވަޑައިގަންނަވަން މަޖުބޫވެލެއްވެވީ ޤައުމުގެ މުސްތަޤްބަލައްޓަހައި. އެހެންވީމަ މިހާރު އެމަނުކުފާނުގެ ފަރާތްޕުލޫން ވަޑައިގެން ވަކީލުންގެ ޓީމުން ކުރާ މަސައްަކަތެކެވެ. އެެހން ނޫންނަމަ މިވާގޮތަކީ އަބަުގެ އަބަދަށް ޤައުމުގައި ލައްގަނޑެއް އޮންނާނެ މިގޮތަށް އިންތިޚާބެއް މިހާބޮޑަށް ރޭވުންތެރިކަމާއެކު މިހާ ބޮޑަށް އޮޅުވާލައިގެން ވަކިގިތަކަށް އަމާޒުކޮށްގެން ތަފާތު ކަންތައްތަކެއް ކުރެވިގެން އިންތިޚާބެއް މިގޮތަށް އޮޅުވާލެވިގެންދިޔަ ދިއުން ދޫކޮށްލެވިްޖެނަމަ" ހައުސިންގް މިނިސްޓަރ ވިދާޅުވިއެވެ.

ޕީ.ޕީ.އެމް ކެނޑިޑޭޓްގެ ފަރާތުން އިންތިޚާބާއި ކޯޓަށް ހުށައެޅީ ޖިނާޢި މައްސަލަތަކެއް ކަމަށްބުނެ ދެކެވެމުންދާ ވާހަކަަތަކާއި ގުޅޭގޮތުން މި ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތާއި ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓްގެ ޙައިސިއްޔަތު ތަފާތުކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ފަރާތުން ޕީ.ޕީ.އެމް އަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ރިޔާސީ އިންތިޚާބުތަކުގައި އޮޅުވާލުމާއި ގަޑުބަޑުކުރުންތައް ހުރެގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅުމާކީ ރާއްޖޭގައި އާކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން ތާފާތު އެކިއެކި ޤައުމުތަކުންވެސް އިންތިޚާބާއި ގުޅިގެންޖެހޭ މައްސަލަތައް ކޯޓުތަކަށް ހުށައަޅާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ނަތީޖާއަކީ ރައްޔިތުންގެ ވޯޓަކުން ނުކުތް ނަތީޖާއެއްކަމަށް ނުބެލެވޭކަމަށާއި، އެކަން ހާމަވާ އެތައްކަމެއް ހުރިކަމުގެ ތުހުމަތުތަކެއް ޕީ.ޕީ.އެމުންދަނީ އިލެކްޝަންސް ކޮމިޝަނާއިދެކޮޅަށް ތުހުމަތުކުރަމުންނެވެ. ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މިމައްސަލައިގަ ދެން އޮންނާނީ ހުކުމް އިއްވެވުމެވެ.