ގދ. ތިނަދޫން ދޫކުރަން ހަމަޖެހިފައިވާ 150 ގޯއްޗަށް އެދި 500 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފިއެވެ.
ތިނަދޫގައި ހުންނަ ޕަބްލިކް ވޯކްސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހަށް ހަމަވިއިރު 500 އަށްވުރެ ގިނަ ފަރާތުން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާކަމަށެވެ.
ތިނަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 150 ގޯއްޗަށް އެދި 500 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާއިރު، މިއީ ތިނަދޫގެ އުތުރުކޮޅު ޞަަރަޙައްދުން ހިއްކާފައިވާ ބިމުން ދޫކުރަން ހަމަޖައްސާފައިވަނީ 1600 އަކަފޫޓޫގެ 150 ގޯއްޗެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެ ދެ ކެޓަގަރީއަކީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީއާއި ހުރިހާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގޯތި ލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.
ދައުލަތުގެ ބަޖެޓުން 765 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ގދ. ތިނަދޫގައި 55 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހުއެވެ.
ނެދަލެންޑްސްގެ ވަން އޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ތިނަދޫގެ ދެކުނު ފަރާތުން 4 ހެކްޓަރު އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިން، ތިން ހަފުތާގެ ތެރޭގައި ހިއްކާ ނިންމާލިއެވެ.