ރައްޔިތުން މަޖިލީހުގެ އިންތިޚާބު އަންނަ މާޗުމަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ދައުރު ހަމަވުމާ ގާތްވެފައިވާތީ، އިންތިޚާބު ބާއްވަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ދާއިރާތަކާ ގުޅޭގޮތުން ޕާޓީތަކަށް ދައުވަތު ދީގެން ބައްދަލުވުންތައް ފަށާފައިވާއިރު ވަކިވަކި މެމްބަރުންނާއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ސިލްސިލާކޮށް ކުރިއަށްގެންދާނެ ބައްދަލުވުންތަކެއް ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
މަޖިލީހުގެ އިންތިޚާބުގެ އިތުރުން މާލެ ސިޓީގެ ދާއިރާތައް އިތުރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަކުރަމް ވިދާޅުވީ މާލޭ ސިޓީއަށް ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް ޕާޓީތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ 21 ގެ ކުރިން ގޮތެއް ނިންމުމަށް ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން މިހާރު ތިއްބަވާއިރު މާލޭގެ 13 ދާއިރާއަކުން މެމްބަރުން ތިއްބަވަ އެވެ. ދާއިރާގެ އަދަދު 14 ނުވަތަ 15 އަށް އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަމަށް އަކުރަމް ވިދާޅުވިއެވެ.
މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ ކޮމިޝަނުން ވަނީ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާއެކު ބައްދަލުވުމެއް ވެސް ބާއްވަވައިފައެވެ. މި ބައްދަލުވުމުގައި އިދިކޮޅަށް ނިސްބަތްވާ ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެކަންޏެވެ.
މަޖިލީސް އިންތިޚާބު ބޯމަތިވެފައިވާއިރު، މި އިންތިޚާބުގައި ވާދަކުރުމަށް އެކި ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެތެރޭގައި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި މުޅިން އަލަށް ކުރިމަތިލާ މީހުން ވެސް ހިމެނެއެވެ.