ޚަބަރު

މުހިންމު އެލަރޓުތައް ފޮނުވާ ޕަބްލިކް ވައިބަރ ޗެޓެއް މެޓް އޮފީހުން ތަޢާރަފުކޮށްފި


ރާއްޖޭގެ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާ ގުޅޭ މުހިންމު އެލަރޓުތައް ފޯރުކޮށްދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން، އެކަމަށް ޚާއްޞަ ވައިބަރ ޕަބްލިކް ޗެޓެއް ތަޢާރަފުކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ވައިބަރ ޕަބްލިކް ޗެޓެއް އުފެއްދީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލާއި ކުއްލި އެލަރޓުތައް ވީހާވެސް އަވަހަށް ގިނަ ރައްޔިތުންނަށް އެއްފަހަރާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މެޓް އޮފީހުން ބުނީ އެ ގްރޫޕު މެދުވެރިކޮށް މޫސުމީ ގޮތުން އަންނަ އެލަރޓްތަކާއި، ބިންހެލުންތަކާއި ސުނާމީ ފަދަ ކާރިޘާ ތަކުގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމަށެވެ.

މެޓް އޮފީހުގެ ޕަބްލިކް ޗެޓަށް ވަނުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާއިރު، މިހާތަނަށް އެ އިދާރާއިން މޫސުމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެމުން އައީ މެޓް އޮފީހުގެ ޓްވިޓާރ އަދި ފޭސްބުކް އެކައުންޓުތައް މެދުވެރިކޮށެވެ.