ޚަބަރު

އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި އިދިކޮޅު ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފި


ޖިނާއީ ކުށްތަކެއް ސާބިތުވެ ޖަލު ޙުކުމްތަކެއް ތަންފީޛުކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ލިބެންޖެހޭ ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި ލިބެމުން ނުދާކަމަށްބުނެ އިދިކޮޅު ސިޔާސީ ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާތަށް ސާބިތުވެ ޖަލު ޙުކުމްތަކެއް ތަންފީޛުކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ބޭނުންވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނަމުންދާއިރު، އަދީބަށް ބޭނުންވާ ބޭސްފަރުވާލިބުން ލަސްވަމުންދާތީ އިދިކޮޅު ސިޔާސީ ލީޑަރުންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން އަށެއްކަ މަސްވަންދެން ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އަދީބަށް ބޭނުންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދީބުގެ ބޭސްފަރުވާއާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދީބު ޖަލަށްލިތާ 3 އަހަރުވެފައިވާއިރު، ކޮންމެ ޤައިދީއަކާމެދުވެސް އަމަލުކުރަންޖެހޭ ހަމަހަމަ އުސޫލުގެ ތެރެއިން ޑޮކްޓަރުން ލަފާދީފައިވާގޮތަށް ސިއްޙީ ފަރުވާއަށް އަދީބަށްވެސް ރާއްޖެއިން ބޭރަށް ދެވެން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އަދީބުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިނގިރޭސި ވިލާތުގެ ޙިމާޔަތުގައި ރާއްޖެއިން ބޭރުގައި 3 އަހަރު ހޭދަކުރެއްވުމަށްފަހު ރާއްޖެވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަދީބު ޖަލުގައި ހުންނަވަނީ ހުންނަވަންޖެހޭ ހާލަތުގައި ނޫންކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބިފައިވާކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

"
ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް އޭނާއަށް ޙައްޤުވާ ބޭސްފަރުވާ، އަދި އެހެންވެސް ކަންކަން ވާންޖެހޭނެ. ކުރީގެ ނާއިބުރައީސް އަޅުގަނޑަށް ފެންނަ ފޮޓޯތަކުން ޖަލުގަ އޮންނަވަނީ ވަރަށް ނިކަމެތިކޮށް. އެއީއެއް ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ޖަލުގައި ބާއްވަންޖެހޭ ގޮތެއްނޫން. މީހަކު ޖަލަށް ހަގީގަތުގައި މިލަނީ އިސްލާހު ކުރުމަށްޓަކައި.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އަދާލަތު ޕާޓީގެ ލީޑަރ އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ލިބެމުންދަނީ އަދީބަށްކަމަށެވެ. ޖަލުން މިނިވަން ވެވަޑައިގެން އަދާލަތުޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ޙުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ހުންނެވިނަމަވެސް އަދީބަށްވެސް ބޭސްފަރުވާ ކުރުމުގެ ޙައްޤު ލިބެންޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ.

"އަޅުގަނޑު އަދީބާއެކުގަވެސް ޖަލުގަ ދުވަސްތަކެއް ހޭދަކުރިން ޖަލުގަ އެންމެ ބޮޑު އަނިޔާއެއް ލިބެމުންދާ އެކަނު އަދީބަކީ. އެއީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު ޖަލަށް ވަތްއިރު އަދީބާ ދެކޮޅަށް އަޅުގަނޑު ހުރީ. ނުވަތަ އަދީބު ހުރީ އަޅުގަނޑާ ދެކޮޅަށް. އެހެންނަމަވެސް އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްވެސް މީހަކަށް ޖަލުގައި އެއަނިޔާ ލިބެންޖެހޭ ކަމަކަށް." ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ޖަލުގައި ހުންނެވުމަށްފަހު ދާދިފަހުން މިނިވަންވެވަޑައިގެންނެވި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްވެސް ވަނީ އަޙްމަދު އަދީބުގެ ހާލަތާމެދު ކަންބޮޑުވާކަން ހާމަކޮށް މީޑިއާގައި ވާހަކަފުޅުދައްކަވާފައެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމުގެ މައްސަލައާއި، އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅޭ އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ "ގުލަކޯމާ" ޖެހިފާއިވާކަމަށާއި، އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

ބޭސްފަރުވާ ކުރުމުގެ ޙައްޤުން މަޙްރޫމުވެފައިވާކަމަށް ބުނެ އަދީބުގެ ފަރާތުން ދައުލަތާ ދެކޮޅަށް ކުރި މަދަނީ ދައުވާ ސިވިލް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.