ޚަބަރު

ފުވައްމުލައް ސިޓީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމު ކޮށްގެން ފުވައްމުލައް ސިޓީގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރޯޒްމީޑް އަޙުމަދު ޢަލިދީދީގެ ހަނދާނުގަ ބޭއްވި މި މުބާރާތުން 1 ވަނަ ޙާޞިލުކޮށް ޞަފާ ޙައްޖު އެންޑް އުމްރާ ގްރޫޕުން ދޭ އުމްރާ ދަތުރާއި، ފުވައްމުލައް ސިޓީ ކައުންސިލުން ދޭ ލެޕްޓޮޕާއި ހަނދާނީ ޓްރޮފީ ހޯދާފައިވަނީ އައިޝަތު އަހްމަދު އިބްރާހީމްއެވެ. މިއީ ހިދާޔަތުލް ޤުރުއާން ތަމްސީލުކުރި ދަރިވަރެކެވެ. މުޅި މުބާރާތުން 2 ވަނަ ނޫރުލް ޙިދާޔާގެ ބައިވެރިޔާ ނޫހު އަލީ އަބްދުﷲ ހޯދިއިރު ތިން ވަނަ ހޯދީވެސް ނޫރުލް ޙިދާޔާގެ ފަރާތުން ބައިވެރިވި ދަރިވަރު އައިޝަތު ނުހާއެވެ.

މުޅި މުބާރާތުގެ 1 ވަނަ އަދި 2 ވަނައަށް ދިޔަ ބައިވެރިންނަށް ޞަފާ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ދީފައިވާއިރު، 1 ވަނަ އަށް ދިޔަ ބައިވެރިޔާއަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ލެޕްޓޮޕެއްވެސް ދީފައެވެ. އަދި މުޅި މުބާރާތުން 3 ވަނަ ޙާޞިލު ކުރި ބައިވެރިޔާއަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ވަނީ ސެޓްފިކެޓް ލެވެލް 4ގެ ސްކޮލަރޝިޕެއް ދީފައެވެ.

މީގެ އިތުރުން މުބާރާތުގެ އެކި އުމުރުފުރާތަކުން ވަނަވަނައަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ތައްޓާއި ފައިސާގެ އިނާމު ދިނެވެ. އެގޮތުން ޕްރީ ޖޫނިއަރ ގްރޫޕުން 3 ވަނައަށް 2000 ރުފިޔާ، 2 ވަނައަށް 3000 ރުފިޔާ އަދި 1 ވަނަ 5000 ރުފިޔާ ވަނީ ދީފައެވެ. އަދި ޖޫނިއަރ ގްރޫޕުން 3 ވަނައަށް 5000 ރުފިޔާ، 2 ވަނައަށް 7500 ރުފިޔާ އަދި 1 ވަނައަށް 10،000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤުރުއާނާއި ދީނީ ޢިލްމުން ކުޑަކުދިންނާއި، ޒުވާނުންގެ އިތުރުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނެއެވެ. މިމުބާރާތުގައި ޤުރުއާން ކިޔެވުމުގެ އިތުރުން، ތަޖުވީދުގެ ސުވާލާއި، ފިޤުހު ޢިބާދާތުގެ ސުވާލުކޮށް އަދި ޤުރުއާނުގެ ދިވެހި ތަރުޖަމާވެސް ކުރިޔަށްގެންދިއައެވެ.