ޚަބަރު

ގދ.އަތޮޅު "ޖޮބް އެންޑް ކެރިއަރ ފެއަރ"އަށް ބޮޑު ތަރުހީބެއް


ގދ އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ "ޖޮބް އެންޑް ކެރިއަރ ފެއަރ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ގދ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތައުލީމިގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ މަޤްސަދުގައި 20 ސްޓޯލާއެކު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ އެ ފެއާރއަށް މިއަދުގެ ހަވީރާ ހަމައަށް 400 އާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކުރިއެވެ.

ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ރިސޯޓުތަކާއި ތިނަދޫގައި މިވަގުތު ހިންގަމުން އަންނަ ކޮލެޖުތަކާއި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން ތިނަދޫއަށް އަލަށް އަންނަ ކޮލެޖުތަކާއި ޓޫރިޒަމް އަދި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތައް ހިމެނެއެވެ.

ޖޮބް އެންޑް ކެރިއަރ ފެއަރ 2018" ނަމުގައި ބާއްވާ މިފެއަރއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން އަތޮޅު ކައުންސިލުގެ ޚަރަދުގައި ބާއްވާ ފެއަރއެކެވެ.

ފެއަރ އިންތިޒާމުކޮށް، ހިންގާ، ބަލަހައްޓާނީ ތަޢުލީމީ މަރުކަޒުންނެވެ. އަދި މި ފެއަރ އަކީ ނެޝަނަލް ކެރިއަރ ގައިޑެންސް އިން އެންޑޯޒްކޮށްފައިވާ ފެއަރއެކެވެ.

މި ފެއަރ އަކީ ގދ. އަތޮޅުގެ ޒުވާނުންނަށް ޚާއްސަކޮށްގެން އެ އަތޮޅުގައި ބޭއްވޭ ފުރަތަމަ ފެއަރ އެވެ. އަދި އެ ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ފެއަރގެ އެކްޒިބިޓަރުންނާއި ތިނަދޫގެ ވިޔަފާރިތަކުން ސްޕޮންސަރކޮށްފައިވާ ގިފްޓް ވައުޗަރތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު ނުވަގަޑި ތިރީހުން ފެށިގެން ރޭގަނޑު ދިހައަކާ ހަމައަށް ކުރިއަށްދާ އެ ފެއަރ އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ފެއަރގެ ސަބަބުން އެރަށާއި އަތޮޅުގެ ޒުވާނުންނަށް ކުރިމަގު ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ވަނީ ލިބިފައެވެ.