ޚަބަރު

ޖާނުން ފިދާވާން އުޅުނުކަމަށް ތުހުމަތުކުރި މީހުން ދޫކޮށްލައިފި


މާލޭގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއްދޭން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން މާލޭގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ފުވައްމަލައް ސިޓީ އަލުވިމާގެ ހުސައިން އަފީފާއި ރ.މަޑުއްވަރީ ވިލުދޮޅި އިސްހާގު ޢަލީގެ މައްޗަށެވެ.

މި ދެ މީހުންގެ ތެރެއިން ހުޞައިން އަފީގުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އިސްހާގު ޢަލީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

މި މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވަނީ ބަންދުގައި ބަހައްޓާފައިވާ ދުވަސްތަކުގައި ކަރެކްޝަންސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުންނާއި، އެކަމުގައި ދައުލަތުން ޖަވާބުދާރީވެފައިވާ ގޮތަށް ރިއާޔަތް ކުރެއްވުމަށްފަހު ޝަރުތުތަކަކާ އެކުއެވެ.

މި ދެ މީހުންނަށް ކޯޓުން ޝަރުތުކޮށްފައި ވަނީ ކޯޓުގެ އެންގުންތަކަށް ހާޒިރުވުމަށާއި، މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއި، އެއްވެސް ފަރާތަކަށް ބިރު ނުދެއްކުމަށާއި ކޯޓުގެ ހުއްދަ އާއި ނުލައި ޝަރީއަތް ނުނިމެނީސް ރާއްޖެއިން ބޭރަށް ނުދިއުމުގެ އިތުރުން ޖިނާއީ އިތުރު އެއްވެސް ކުށެއްގައި ބައިވެރި ނުވުމަށެވެ.

މާލޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު މި ދެމީހުންގެ މައްޗަށް ދައުވާ އުފުލުމަށްފަހު، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތިންވަަނަ ދުވަހުއެވެ.