ޚަބަރު

ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދެނީ


ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕްރައިމެރީ އަކާ ނުލައި 12 މެމްބަރުންނަށް އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓު ދޭން އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ 12 މެންބަރުންނާ ބައްދަލުކުރައްވައި ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމާ ގުޅޭގޮތުން އެ މެމްބަރުންނާ މިއަދު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ 12 މެންބަރުން އެބޭފުޅުންގެ ގޮނޑި ދިފާއުކުރައްވައި ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

ބާރަ މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދޭންއުޅޭކަމުގެ އަޑު ފެތުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ދާއިރާއަށް ޕާޓީއަކުން ކުރިމަތިލާނެ މެމްބަރުން ޕްރައިމެރީއަކުން ކަނޑައެޅުމަކީ ޑިމޮކްރަސީގެ އެންމެ ރީތި އުސޫލުކަމަށްބުނެ ބައެއް މީހުން ޚިޔާލު ފާޅުކޮށްފައިވެއެވެ.