ޚަބަރު

ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތައް އަތުލުމުގެ ވިސްނުމެތް ނެތް- ރައީސް ނަޝީދު


ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ފްލެޓްތައް އަތުލުމުގެ ވިސްނުމެއް އެމްޑީޕީގެ ސަރުކާރުން ނުގެންގުޅޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި އެމްޑީޕީގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ އެކި މަޝްރޫޢުތަކުގެ ދަށުން ފްލެޓް ކަށަވަރުވެފައިވަނީ އެންމެ ހައްގު ފަރާތްތަކަށް ނޫން ނަމަވެސް، އެ ފްލެޓްތައް އަނބުރާ އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިއްދޫއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަޅާފައިވާ ފްލެޓުތައް ދޫކޮށްފައި އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ނޫންކަމަށް ވިޔަސް، އެ ފްލެޓްތަކުގައި ދިރިއުޅެނީ ދިވެހިންނަށް ވާތީ އެތަންތަން އަނބުރާ އަތުލުމުގެ ޚިޔާލެއް ނުގެންގުޅުއްވާކަމަށެވެ.

"ސަރުކާރުން ފްލެޓް ދޫކޮށްފައި ނާއިންސާފުން ކަމަށް ގިނަ ރައްޔިތުން ދެކޭ. އެހެން ނަމަވެސް އެތަންތަނުގައި ދިރިއުޅޭނީ ދިވެހިން. އެ މީހުން އެ ތަނުން ނެރެފައި، އެ ތަންތަން އެހެން މީހުންނަށް ދިނުމުގެ ޚިޔާލެއް އަޅުގަނޑުގެ ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު ފްލެޓް ދޫކޮށްފައި ތިބި ރައްޔިތުންގެ އަތުން ފްލެޓް އަތުލުމުގެ ބަދަލުގައި އިތުރު ފްލެޓްތައް އެޅުންކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މި ސަރުކާރުން ނުހައްގު ގޮތުގައި ދީފައިވާ ފްލެޓުތަކުގެ މައްސަލަ ކުރިއަށް އޮތް އައު ސަރުކާރުން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.