ޚަބަރު

ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް އަވަސް ކަޅިއެއް


ރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބާ މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި ޖުމްހޫރިއްޔަތުގެ ހަޔާތުގެ މައްޗަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ މީލާދީން 1 ޖެނުއަރީ 1953 ވަނަ އަހަރުއެވެ. މި ޖުމްހޫރިއްޖާގެ ހަމައެކަނި ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ އަދި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހުއެވެ.

އޭގެފަހުން މީލާދީސަނަތުން 7 މާޗް 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. އެފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލެވެ. އެއާއެކު އޭނާ ވެގެން ދިޔައީ ރާއްޖޭގައި ރަސްކަން ކުރެއްވި އެންމެ ފަހު ރަސްގެފާނަށެވެ. އެރަދުންގެ ރަސްކަން މީލާދީން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު އެރަސްކަންނިމި އަނެއްކާވެސް ޖުމްހޫރިއްޔަތެއް އުފެދުނެވެ.

އެ ފަހަރު އުފެދިގެން ދިޔައީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއެވެ. އެ ޖުމްހޫރިއްޔާ އުފެދުނީ 11 ނޮވެމްބަރ 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރައީސް އިބްރާހީމް ނާޞިރު ވަނީ ދެ ދައުރުގެމަތިން ދިހައަހަރު ރާއްޖޭގައި ރައީސްކަން ކުރައްވާފައެވެ. ޢުމުރުފުޅުން 82 އަހަރުގައި އިބްރާހީމްނާޞިރު އަވަހާރަވީ، 22 ނޮވެމްބަރު 2008 ގައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެއްގެ ގޮތުގައި މީލާދީން 1978 ވަނައަހަރުގެ ނޮވެންބަރުމަހުގެ 11 ވަނަދުވަހު ރައީސްކަމުގެ ހުވައި ކުރެއްވީ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުވަނީ ފުރިހަމަ އަޣުލަބިއްޔަތާއެކު ރިޔާސީ ހަ ދައުރެއްގެމަތިން، ތިރީސް އަހަރު ވެރިކަން ކުރައްވާފައެވެ.

މައުމޫނުގެ ވެރިކަމަށްފަހު 2008 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެއަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދެވެ. އެއީ ރާއްޖޭގައި އުފެދުނު ދެވަނަޖުމްހޫރިއްޔާގެ ތިންވަނަ ރައީސެވެ. އެމަނިކުފާނުގެ ވެރިކަން ދެމިއޮތީ 3 އަހަރާއި ދެމަހާއި 27 ދުވަހުއެވެ.

އޭގެފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސެއްގެ ގޮތުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހު ވެރިކަމުގެ ހުވާ ކުރެއްވީ ރައީސް ނަޝީދުގެ ނާއިބުރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ރައީސް ވަޙީދުގެ ވެރިކަން އޮތީ 2013 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސަކަށް ވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު މިމަހުގެ 17 ވަނަދުވަހު ނިމޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ބޮޑުކާމިޔާބެއް ހޯއްދަވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް، އަދި ދެޖުމްހޫރިއްޔާ އެއްކޮށް ބަލާނަމަ ރާއްޖޭގެ 7 ވަނަ ރައީސަކަށް އިންތިޚާބުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ ދައުރު ފެށިގެންދާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.