ޚަބަރު

ޤާސިމް އިބްރާހީމްގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ޖަލްސާތައް ފަށައިފި


ރައްޔިތުން މަޖިލީހުގެ އާ ރައީސް ޤާސިމް އިބްރާޙީމްގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާ ފަށައިފިއެވެ.

މިމަހުގެ 1 ވަނަ ދުވަހު، މަޖިލީހުގެ ރައީސްކަމަށް ޤާސިމް ހޮވިވަޑައިގަތީ 62 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޤާސިމާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲއަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މަޖިލީހުގައި ރައީސަކު ހޮވުމަށް މެންބަރުންގެ މެދުގައި ސިއްރުވޯޓެއް ނަގާފައި ވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި އޭރު ހުންނެވި ޢަބްދުﷲ މަސީހު މުޙައްމަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޤާސިމް އިބްރާހީމަކީ މީގެ ކުރިން ޚާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ގާނޫނު އަސާސީ ފާސްކުރުމަށްޓަކައި އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސް ކަން 2004 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ގާސިމް ފުރުއްވިއެވެ. މަޖިލީހުގައި ގާސިމް މަސައްކަތް ކުރައްވާތާ 18 އަހަރު ވަނީ ވެފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލާއި ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ބިލުގެ އިތުރަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޘްމާނު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބޭންކިންއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘްކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ރިޒާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީސް ތަޅުމަށް ހުށަހަޅައި ބަހުޘަ ކުރުމަށްފަހު ވަނީ ވޯޓަށް އަހައި ސާފު އަޣްލަބިއްޔަތުން ރިޒާ ވަނީ މަޤާމުން ވަކިކޮށްފައެވެ.