ޚަބަރު

ކާނަލް ނާޒިމް އިންތިޚާބީ ރައީސާ ބައްދަލުކުރައްވައިފި


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓާޔަޑް މުޙައްމަދު ނާޒިމް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ އިންތިޚާބީ ރައީސްގެ ކެމްޕެއިން މައި އޮފީސް ކަމަށްވާ ސޯލްޓް ކެފޭގައެވެ.

ކާނަލް ނާޒިމާއި އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބައްދަލުކުރެއްވި ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތަކާބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް 11 އަހަރުގެ ޖަލު ޙުކުމުން މިނިވަންވުމަށްފަހު އާދިއްތަ ދުވަހުގެރޭ ރާއްޖެ ވަޑައިގެން ކާނަލް ނާޒިމް ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސާ ބައްދަލުވުމާއެކު، އެމަނިކުފާނު ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ހައްޔަރުކުރި މައްސަލަ ބަލައި ތަޙުޤީޤުކޮށް އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ކާނަލް ނާޒިމް ވަނީ އެމަނިކުފާނު ފްރޭމްކޮށް ހައްޔަރުކުރުމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދާއި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހިންގަވާފައިވަނީ ޖަރީމާއެއް ކަމަށް ވިދާޅުވެ އެފަރާތްތައްވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމި އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.