ޤައުމެއް ބިނާކުރުމުގައި ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް ކުޅިވަރުން ދަސްވެގެންދާއިރު ކުޅިވަރު ކުރިއެރުވުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
އެމަނިކުފާނު މިހެން ވިދާޅުވީ "ދުޅަހެޔޮ ހަށިހެޔޮ ޢީދު" ގެ ތެރެއިން ޕީއެސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. 
ކުޅިވަރުން ދަސްވާ އެންމެ މުހިއްމު ފިލާވަޅަކީ މޮޅުވާން މަސައްކަތްކުރުމާއި ބަލިވީމާ ބަލި ޤަބޫލުކުރުންކަމަށާއި މިއީ ޤައުމިއްޔަތެއް ބިނާކުރުމުގައި އެންމެ މުހިއްމު އަސާސްތައްކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ކުރިއެރުން ގުޅިފައިވަނީ މިކަންކަން އެނގި ދަސްކުރުމާކަމަށެވެ. އަދި ކުޅިވަރު ޤައުމުގެ ހުރިހާކަމެއްގައި ހިމެނުމަކީ މުހިއްމުކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. 
ރައީސް ނަޝީދަކީ ފުޓުބޯޅައާއި ރާޒުވާ އަދި މޫދުކުޅިވަރުތަކަށް ލޯބިކުރައްވާ އަދި މިކުޅިވަރުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. "ދުޅަހެޔޮ ހަށިހެޔޮ ޢީދު" ކުޅިވަރު ޙަރަކާތުގައި ބައިވެރިވެވަޑައިގެން އެމަނިކުފާނުވަނީ ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.