ޚަބަރު

ލޯނުތަކާއި ސޮވެރިން ގެރެންޓީގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނަން- ފިނޭންސް މިނިސްޓަރ


ސޮވެރިން ގެރެންޓީއާއި ލޯނުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ނަގާފައިވާ އެކިއެކި ލޯނުތަކާއި ތަފާތު އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތަކުގެ ތަފްސީލުތައް ހޯއްދަވަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތުތައް ވީއެންމެ އަވަހަށް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރު ހިއްސާވާ ބޮޑެތި ހުރިހާ ކުންފުންޏެއް އޮޑިޓް ކުރުމަށް ވަނީ ނިންމާފަ. އެއަށް ފަހު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ހިލޭ އެހީ ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުގެންދަވާ ކަމަށާއި މިކަމަށް ފޮރިން މިނިސްޓްރީގެ ބަޖެޓް އިތުރުކޮށްދިނުން މުހިއްމުކަމަށެވެ.

މިއަދުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީންވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހަތް ހުށައެޅުމެއް ހުށައަޅާ ފާސްކޮށްފައެވެ. ބަޖެޓް ކޮމިޓީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ފާސްވެފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަބްދުލްޤަފޫރު މޫސާއާއި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުތަކެވެ.

އަންނަ ހަފްތާގައި ބަޖެޓް ރިޕޯޓް މަޖިލީހަށް ހުށަހަޅާނީ މި ހުށައެޅުންތަކާއި އެކުއެވެ. އަދި މި ހުށައެޅުންތައް ފާސްކޮށްފިނަމަ މިހާރު ހުށައަޅާފައިވާ ބަޖެޓް 29.6 ބިލިއަން ރުފިޔާއިން 30 ބިލިއަނަށްވުރެ މައްޗަށް އަރާނެއެވެ.