ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގައި ބަސްމޮށުންތެރިކަން ގެންގުޅުނު ގޮތާއިގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ނެރެފިއެވެ.
ގަލޮޅު މަދުރާސާގައި މިރޭ އޮތް ޙަފްލާއެއްގައި ހ. އައިނާ އެޑަމް އާމިނަތު އިބްރާޙީމް ލިޔުއްވި މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
މި ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އާމިނަތު އިބްރާޙީމް ލިޔުއްވި ފޮތަކީ ވަރަށް ދިރާސީ އަދި އިލްމީ މަސައްކަތެއް ކަމަށެވެ. އެގޮތުން ތަފާތު ވިސްނުމެއްގެ ތެރެއިން ބަސް މަގަށް ގެނެސްފައިވާ ބަދަލުތަކާއެކު ލިޔުއްވާފައިވާ މި ފޮތުން މިހާރުގެ ކުދިންނަށް އިހުގައި ދިވެހިން ބޭނުންކޮށްފައިހުރި ތަފާތު ބަސްތައް އުނގެނި، އެބަސްތައް ބޭނުންކުރަންފަށާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ އިނގިރޭސި ބަހުގެ ޤަވައިދަށް ދިވެހި ބަހުގެ ޤަވައިދު ތަރުޖަމާކުރެވިގެން ކަމަށް އަޅުގަނޑުމެންނަށް ދިވެހި ބަސް ކިޔާދީފައިވަނީ. އެއީ ދިވެހި ބަސް ދަސްކުރުމަށް ނޫނީ އޮޅުންފިލުވުމަށް ރަނގަޅު ގޮތެއް ކަމަކަށް މިހާރު ފާހަގައެއް ނުކުރެވޭ. ބަހުގެ މުލެއް އޮވެފައި އެ މޫ އެކި ގޮތްގޮތަށް އެނބުރުނީމަ އެކި މާނަ ނުކުމޭ. ވޭވޭހުރިކަމާ ވާކަމާ މިގޮތްގޮތަށްވުރެ ބޮޑަށް ބަހުގެ މުލެއް ހޯދާފައި އެ މޫ އެނބުރޭ އެކިއެކި ގޮތްގޮތް ހޯދީމާ ދެން ނުކުންނަ މާނަތައް ތަފާތުވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ފޮތް ތައްޔާރުކުރުމަށްޓަކައި ވަނީ ތަފާތު ތިން ނަޒަރިއްޔާތަކުން ދިރާސާތައް ކޮށްފައެވެ. އޭގެ ތެރޭގައި "އައިޑެންޓިޓީ އާއި ސޯޝަލް އައިޑެންޓިޓީ ތިއަރީ" (ކާކުވަންތަކަމާއި އިޖްތިމާއީ ކާކުވަންތަކަމުން އިލްމުވެރިން ލިޔުއްވާފައިވާ ނަޒަރިއްޔާ)، "ލީޑަރޝިޕާއި ޕޮލިޓިކަލް އައިޑެންޓިޓީ" (އިސްނެގުންތެރިކަމާއި ސިޔާސީ ކާކުވަންތަކަމާބެހޭ ނަޒަރިއްޔާ) އަދި "ޕްރެގްމެޓިކްސް" (ތަފާތު މާނަތަކުން އެއްޗެހި ބަޔާންކުޅައުމުގެ ނަޒަރިއްޔާ) ގެ މައްޗަށެވެ.
މި ފޮތަކީ ސިޔާސީ ގޮތުން ތިމާއީ ކާކުކަން ނުވަތަ ކާކުވަންތަކަން ބަޔާންކޮށްދެއްކުމުގައި އެމީހަކު ބަސްމޮށުމުގައި ހުންނަ ޚާއްސަކަންކަން، ނުވަތަ "ޕޮލިޓިކަލް އައިޑެންޓިޓީ ޤާއިމުކުރުމުގައި ބަހުގެ ދައުރު މި މައުޟޫއަށް" ލިޔުއްވާފައިވާ ފޮތެކެވެ. އަދި މިފޮތަކީ އާމިނަތު އިބްރާޙީމް މާސްޓަރ ޑިގްރީގައި ހެދި ދިރާސީ މަސައްކަތުގެ ތެރެއިން ނެރެފައިވާ ފޮތެކެވެ.
އާމިނަތު އިބްރާޙީމް ވަނީ މިހާތަނަށް ތިރީހަށްވުރެ ފޮތް ލިޔުއްވާ ޗާޕުކޮށްފައެވެ. އޭގެ ތެރޭގައި ވާހަކަ ފޮތްތަކާއި ޢިލްމީ ދިރާސާތަކާއި ކުޑަކުދިންނަށް ޚާއްސަ ފޮތްތައް ހިމެނެއެވެ.