އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކަށް މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކުރުމަށް ނިންމައިފިއެވެ.
މާދަމާ ހެނދުނު އޮންނަ މާލިއްޔަތު ކޮމިޓީއަށް އޭސީސީ ހާޒިރުކުރުމަށް ނިންމިއިރު، މިއަދު ހެނދުނު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އޮޑިޓަރ ޖެނެރަލް މިއަދުގެ ކޮމެޓީއަށް ހާޒިރުކުރެއްވީ ސަރުކާރު ކުންފުނިތަކުގެ އެކްސްޓަރނަލް އޮޑިޓެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
މިއަދުގެ ކޮމެޓީގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ވިދާޅުވީ މާދަމާގެ ބައްދަލުވުމުގައި މައިގަނޑު ހަތަރު ނުކުތާއެއްގެ މައްޗަށް މަޝްވަރާކުރެވޭނެ ކަމަށެވެ.
އެގޮތުން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ތަޙުޤީގުކުރެވި ނިންމާފައިވާ މައްސަލަތަކުގެ ތަފްސީލާއި، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ތަޙުޤީގު ކުރަން ފައްޓާފައިވާ މައްސަލަތަކުގެ ތަފްސީލާއި، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ތަޙުޤީގުގެ މަސައްކަތް ނުފަށާ ހުރި މައްސަލަތަކުގެ އިތުރުން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ޖިނާއީ ކުށެއްގެ ދަޢުވާ ކުރެއްވުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތަފްސީލާއި ގުޅޭގޮތުން މާދަމާ އޮންނަ ކޮމެޓީގައި މަޝްވަރާ ކުރާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރެއިން ހަތަރުވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާ ކުރެއްވުމަށްޓަކައި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތަފްސީލު އިތުރަށް ހޯދުމަށްވެސް މައިގަނޑު ތިން ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ.
އެއީ ޕްރޮސެކިއުޓާރ ޖެނެރަލް ކޯޓުތަކުގައި ދަޢުވާ އުފުލާފައިވާ މައްސަލަތަކާއި، ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ނިންމަވާފައިވާ މައްސަލަތަކެވެ. އަދި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުން އެ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ދޭތެރޭ އޭސީސީން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްޙޫރިއްޔާ ނުވަތަ ސިވިލް ސާވިސް ކޮމިޝަން މެދުވެރިކޮށް ފިޔަވަޅު އެޅުމަށް އަންގާފައިވާ ފަރާތްތަކުގެ ތަފްސީލު ހޯދުމާ ގުޅޭގޮތުންނެވެ.